ސަރުކާރުގެ ފަރާތުން ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލު އުސްމާނު މަޖިލީހަށް ހުށަހެޅުއްވި ޕާޓްނަރޝިޕްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގެންފި އެވެ.

ދިވެހިރާއްޖޭގައި ޕާޓްނާޝިޕް އުފެއްދުމާއި ރަޖިސްޓްރީ ކުރުމާއި ހިންގުމާއި ކަމާގުޅޭ އުސޫލްތައް ބަޔާން ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާ ޕާޓްނާޝިޕް ވިޔަފާރިއެއްގައި ތިބޭނެ ޕާޓްނަރުންގެ އަދަދު ޕާޓްނާޝިޕް އެއްބަސްވުމުގައި ކަނޑައަޅާ ގޮތަށް ޕާޓްނާޝިޕް ގާނޫނަށް ހުށަހަޅާފައިވާ ބިލް މަޖިލީހަށް ބަލައިގެންފައި ވަނީ 42 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ބިލް މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ އެންމެ މެމްބަރެކެވެ.

ޕާޓްނާޝިޕްގެ ގާނޫނުގައި ޕާޓްނާޝިޕެއްގައި ގިނަވެގެން ތިބޭނީ 20 ޕާޓްނަރުން ކަމަށް ބަޔާންކޮށްފައިވާ މާއްދާއަށް މެމްބަރު ޖަމީލު އުސްމާން ހުށަހެޅުއްވި އިސްލާހުގައި ވަނީ ޕާޓްނާޝިޕުގައި އެންމެ ގިނަވެގެން ހިމެނޭނެ ޕާޓްނަރުންގެ އަދަދު ޕާޓްނާޝިޕްގެ އެއްބަސްވުމުގައި ބަޔާން ކުރަންވާނެ ކަމަށެވެ.

އޭގެ އިތުރުން ކޮންމެ ޕާޓްނާޝިޕެއްގައި މެނޭޖިން ޕާޓްނަރެއް ހުންނަންވާނެ ކަމަށާއި މެނޭޖިން ޕާޓްނަރަކީ އާންމުގޮތެއްގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތަކަށް ވާންވާނެ ކަމަށް އޮންނަ މާއްދާއަށް ވެސް ޖަމީލް އުސްމާން ވަނީ އިސްލާޙް ހުށަހަޅުއްވާފައެވެ.

ޕާޓްނާޝިޕްގެ ގާނޫނުގެ ދަށުން އުފައްދާ ލައިބިލިޓީ ޕާޓްނާޝިޕެއްގައި ޕާޓްނަރުން ދަރަންޏަށް ޒިންމާވާން ޖެހޭނެ ގޮތަށް ޖަމީލް އުސްމާނު ހުށަހެޅުއްވި ބިލަށް ތާއީދު ކުރައްވައި ގިނަ މެމްބަރުން މިއަދު ވަނީ ވާހަކަދައްކަވާފަ އެވެ. ނަމަވެސް ބައެއް މެމްބަރުން ވަނީ ޖަމީލް އުސްމާނު ހުށަހެޅުއްވި އިސްލާހުގައި މައްސަލަ ހުރި ކަމަށް ވެސް ވިދާޅުވެފަ އެވެ.