02 Mar 2016, 14:21
ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ލެޑް ލައިޓްތައް ސަރުކާރު ހިއްސާވާ ތިން ކުންފުނި މެދުވެރިކޮށް މާދަމާއިން ފެށިގެން ރައްޔިތުންނަށް ބަހަން ނިންމަފިއެވެ.
ޗައިނާއިން ހަދިޔާކުރި ލެޑް ލައިޓުތައް ބެހުމަށް ހަވާލުކޮށްފައި ވަނީ ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީގެ އިތުރުން ފެނަކަ ކޯޕަރޭޝަނާ އެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް އެ ލައިޓުތައް ފޯރުކޮށްދިނުމަށް އެ ކުންފުނިތަކާއެކު އެއްއޯޔޫއެއްގައި ސޮއި ކުރީ ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ޗައިނާއިން ހަދިޔާ ކުރި ލެޑް ލައިޓްތައް ބެހުމަށް ކުންފުނިތަކާ ހަވާލު ކުރި ރަސްމިއްޔާތުގެ ތެެރެއިން--- ސަން ފޮޓޯ: މުއާވިއަތު އަންވަރު
އެ ރަސަމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހިމް ވިދާޅުވީ ޗައިނާގެ އެހީގެ ސަބަބުން ރާއްޖޭގެ ގޭބިސީތަކުގެ ކަރަންޓް ހަރަދު ކުޑަވެގެން ދާނެ ކަމަށާއި އަދި ކުރިއަށް އޮތްތާންގައި ވެސް ޗައިނާގެ ފަރާތުން އެފަދަ ލެޑް ލައިޓްތަކެއް ލިބިގެން ދާނެ ކަމަށެވެ.
"މި ލިބުނު ލެޑް ލައިޓްތައް ރާއްޖޭގެ މީހުން ދިރިއުޅޭ ކަރަންޓް މީޓަރެއް ހުންނަ ކޮންމެ ގެއަކަށް ވެސް ލިބިގެން ދާނެ. އެދިވަޑައިގަންނަވާ ކޮންމެ ގެއަކަށް ވެސް ފަސް ލައިޓް ދޫ މިކުރަނީ،" ތާރިގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލެޑް ލައިޓުތައް ހަވާލު ކުރި ކުންފުނިތަކުން މާދަމާ އިން ފެށިގެން ރައްޔިތުްނނަށް ލައިޓްތައް ފޯރުކޮށްދިނުމުގެ މަސަތަކަތް ފަށާނެ ކަމަށެވެ. އަދި މިނިސްޓްރީތަކަށް އެ ތަނަކަށް ބޭނުންވާ ވަރަކަށް ލައިޓްތައް ފޯރުކޮށްދޭނެ ކަމަށެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް 10 މިލިއަން ރުފިޔާގެ ލެޑް ލައިޓު ހަދިޔާކޮށްފިވާ އިރު އޭގެ ތެރޭގައި ހިމެނެނީ 210،000 ލެޑު ލައިޓެވެ. އެ ލައިޓުތަކުގެ ތެރެއިން 78،750 ލައިޓު ދައުލަތުގެ މުއައްސަސާތަކަށް ބެހުމަށް ހަމަޖެހިފައިވާ އިރު 131،250 ލެޑު ބޮކި ބެހުމަށް ހަމަޖެހިފައި ވަނީ އާއްމު ރައްޔިތުންނަށް ކަމަަށް އެންވަޔަރަމެންޓު މިނިސްޓްރީން ބުނެއެވެ.
މިއަދު ބޭއްވި އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވަނީ ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކަށް ލެޑް ލައިޓް ހަވާލު ކޮށްދެއްވާފަ އެވެ.

ޗައިނާއިން ހަދިޔާ ކުރި ލެޑް ލައިޓްތައް ރައްޔިތުންނަށް ބެހުމަށާއި މިނިސްޓްރީތަކާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: މުއާވިއަތު އަންވަރު
ޖިހާދު ވިދާޅުވީ ރާއްޖެއަކީ ނިސްބަތުން ތެލަށް ވަރަށް ބޮޑު ހޭދައެއް ކުރާ ގައުމެއް ކަމަށާއި މިއަދު ފެއްޓި 'ފަހިއަލި' ޕްރޮގްރާމްގެ ތެރެއިން ސަރުކާރުން ތެލަށް ކުރަން ޖެހޭ ޚަރަދު ކުޑަވެގެން ވެސް ދާނެ ކަމަށެވެ.
"އެންވައިރުމެންޓް މިނިސްޓްރީގެ ފަރާތުން އެ ދަނީ ވަރަށް ހީވާގި ކަމާއި އެކު ރާއްޖޭގެ ރައްޔިތުން ކަރަންޓަށް ކުރާ ޚަރަދު ކުޑަކުރުމަށް މަސަތްކަތް ކުރަމުން. އޭގެ އެއްބޮޅު މިއަދު ފެށިގެން އެ ދިޔައީ،" ޖިހާދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެންވައިރުމެންޓް މިނިސްޓްރީން މިއަދު އެ ފެށި މަސަތްކަތާ އެކު އެންމެ ބޮޑު މަންފާއެއް ކުރާނެ ބަޔަކީ ރައްޔިތުން ކަމަށާއި އެ ރައްޔިތުންގެ ޖީބައް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށެވެ.