ހިތަދޫ އަލަ އޮޅެއްގެ ތެރޭގައި މަރުވެފައި އޮއްވާ މިއަދު ފެނުނު، އެ ރަށު ބުރުނީގެ، އަބްދުﷲ އަލީ، 47، އާންމުކޮށް ނިދަނީ ކަންމަތީ ފިހާރައެއްގެ ގޮތުގައި ހިންގާ "ޓޫވޭވް" ފިހާރަގަ އެވެ. ދަންވަރު ފިހާރައިގައި އަލީ އުޅޭތީ ވިޔަފާރި ކުރަން މީހުން އާދެ އެވެ. އެ ފިހާރައަކީ މީގެ ހަ އަހަރު ކުރިން ފެށިގެން ހިންގަމުން އަންނަ ތަނެކެވެ.

ފިހާރައިގައި އުޅުމަށްފަހު އަލީ އެނބުރި ގެއަށް ދަނީ ފަތިހު އެވެ. އަންހެން ދަރިފުޅު ސްކޫލަށް ގެންގޮސް ދެނީ ވެސް އަލީ އެވެ. ނަމަވެސް މިއަދު އޭނާގެ ހަބަރެއް ނުވެގެން އަންހެނުން ކަންބޮޑުވި އެވެ. "ޓޫވޭވް" ފިހާރަ ހުންނަ ގޭގެ މީހުން ވެސް އޭނާ ހޯދި އެވެ. އެ ގޭގެ މީހުން އޭނާ ހޯދީ އަލީގެ ފިހާރަ ލޫޓުވާފައި ހުރުމުންނެވެ.

އަލީގެ ބޮޑުދައިތަ ގޭގައި ހިންގާ ޓޫވޭވް ފިހާރަ ލޫޓުވާފައި ހުއްޓާ ފެނުނީ ވެސް އޭނާގެ ބޮޑުދައިތައަށެވެ. އެއީ ކޮންމެ ދުވަހަކު ހެނދުނު އެ ފިހާރައަށް ހެދިކާ ވައްދަނީ އަލީގެ ބޮޑުދައިތަ ކަމަށް ވާތީއެވެ. ނަމަވެސް މިއަދު ފިހާރައަށް ވަތްއިރު ފިހާރައިގެ ދޮރުގައި ތަޅު ނުލައި ހުރުމާއި ފިހާރައިގެ ހުސް ވަތްގަނޑު ގޮނޑިމަތީގައި ހުއްޓާ ބޮޑުދައިތައަށް ފެނުނެވެ. ބުނެވޭ ގޮތުގައި ރެއަކީ ފިހާރައިގެ ވިކުރާ ރަނގަޅު ރެއެކެވެ.

މަރުވައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު އަލަ އޮޅެއްގެ ތެރޭގައި-- ސަން ފޮޓޯ/ ކިޔުންތެރިއެއް

އަލީ ގެއްލިގެން އުޅޭ ކަމާއި ފިހާރަ ލޫޓުވާފައި ހުރިކަން ފުލުހުންނަށް ރިޕޯޓު ކުރުމުން، ފޮރެންސިކް ޓީމަކުން ފިހާރަ ބެލުމަށްފަހު މައްސަލައިގެ ސީރިއަސްކަން އާއިލާއަށް ކިޔައިދިނެވެ.

މި ވާހަކަތައް ސަންއަށް ކިޔައިދިނީ އަލީގެ ބޮޑުދައިތަގެ ދަރިފުޅު އަހުމަދު އިބްރާހިމް ދީދީ އެވެ.

އޭނާ ބުނީ އަލީ މަރުވެފައި އޮއްވާ ފެނުނު އަލައޮޅުގެ ކައިރީގައި އޭނާގެ ސައިކަލު ބަހައްޓާފައި ހުރިތަނުގައި "ކަންތައްތަކެއް" ހިނގާފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށެވެ. އެ ސަރަހައްދުގައި މީހަކު ހަޅޭލެވިޔަސް މީހުން ދިރިއުޅޭ ސަރަހައްދަކަށް އަޑު ނީވޭނެ ކަމަށާއި އަލީ މަރާލި ކަމަށް ބެލެވެނީ އެތަނުގައި ކަމަށް އަހުމަދު ބުންޏެވެ.

އަލީގެ ހަށިގަނޑު ބެލުމަށްފަހު އަހުމަދު ބުނީ އަލީ ކަރު ނޫފައިގެންފައިވާ ކަމަށާއި ދޫ ވެސް ބޭރަށް ނުކުމެފައިވާ ކަމަށެވެ. ބެލެވޭ ގޮތުން އަލީ މަރާލާފައި ވަނީ ކަރުގައި އެއްޗެއް އައްސައިގެން ކަމަށް އޭނާ ބުންނޭވެ.

"ދެ އަތް އޮތީ މުށްކަވާފައި. އަދިވެސް ދެ އަތް ނުހުޅުވޭ. ބެލެވޭ ގޮތުން ކަރުގައި ބާރަށް ހިފުމުން، ވަލެއް ނޫނީ ފަށެއް އެއްސުމުން އެހެންވެދާނެ،" އަލީގެ އާއިލާގެ ފަރާތުން "ސަން"އަށް މައުލުމާތު ދިން އަހުމަދު ބުންޏެވެ.

ފުލުހުންނާ ހަވާލާދީ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) "ސަން"އަށް މިއަދު ވިދާޅުވީ ރޭ މެންދުރު ތިނެއް ޖެހިއިރު ވެސް އަލީ ފިހާރައިގައި އުޅޭ ކަމަށް ރަށުތެރެ ޕެޓްރޯލް ކުރި ފުލުހުން ބުނާ ކަމަށެވެ.

އަލީގެ މަރާ ގުޅޭ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލީގެ މަރުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ މަރު ތަހުގީގަށް ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ފުލުހުންގެ ޓީމެއް އައްޑޫއަށް ދިއުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

އަލީގެ މިޒާޖާ ގުޅޭ ގޮތުން އައްޑޫ މޭޔަރު ސޯބެ ވިދާޅުވީ އޭނާއަކީ މީހުންނަށް ވަރަށް ހިތްހެޔޮ މީހެއް ކަމަށެވެ. އަދި އޭނާއަކީ ވާހަކަދެއްކުމުގައި ގާތްކަން ގެންގުޅޭ މީހެއް ކަމަށް ސޯބެ ވިދާޅުވި އެވެ.

"ދުވަހެއް ދުވަހަކަށް އޭނާ އެ ދިޔައީ ވިޔަފާރި ފުޅާކުރަން މަޑުމަޑުން މަސައްކަތް ކުރަމުން. އޭނާގެ މިޒާޖުގެ ސަބަބުން ފިހާރަ ހިންގާ ސަރަހައްދުގެ މީހުންގެ މެދުގައި އެ ފިހާރަ އެ ވަނީ މަގުބޫލުވެފައި. އަދި ހިތަދޫއަށް އާންމުކޮށް އަރާ މީހަކަށް ފިހާރަ އިނގޭ،" ސޯބެ ވިދާޅުވިއެވެ.