02 Mar 2016, 22:39
ދުބާއީ (މާޗް 2):އޮމާންގެ ހުޅަނގުގައި އޮންނަ ސަހަރާއަކުން ދަތުރުުކުރަމުން ދިޔަ ބަހަކާއި ޓްރަކެއް ޖެހުމުގެ ސަބަބުން 18 މީހަކު މަރުވެ، 16 މީހަކަށް އަނިޔާވެއްޖެ އެވެ.
ޓައިމްސް އޮފް އޮމާންގައި ވާގޮތުން އިއްޔެ ހިނގި އެހާދިސާގައި މަރުވި މީހުންގެ ތެރޭގައި އޮމާންގެ ހަ މީހަކާއި ސައުދީ އަރަބިއާގެ ހަތަރު މީހަކާއި ޕާކިސްތާނުގެ ދެ މީހަކާއި ޔަމަނުގެ މީހަކު ހިމެނެ އެވެ. މަރުވި މީހުންގެ ތެރެއިން ބައެއް މީހުންގެ މައުލޫމާތު އަދި ހޯދިފައި ނުވާ ކަމަށް ޓައިމްސް އޮފް އޮމާންގައިވެ އެވެ.
އޮމާންގެ ފުލުހުން ބުނީ، ބަހާއި ޓްރަކް އެކްސިޑެންޓްވި ފަހުން ކާރެއް ވެސް ވަނީ އެދެއުޅަނދުގައި ޖެހިފައި ކަމަށެވެ. ނަމަވެސް، ހާދިސާ ހިނގި ގޮތް އަދި ޔަގީންވެފައި ނުވާ ކަމަށެވެ.
އެކްސިޑެންޓުވި ބަސް އޮޕަރޭޓް ކުރާ ކުންފުނި، ގަލްފް ޓްރާންސްޕޯޓު ކުންފުނިން ބުނީ އިއްޔެ އެބަސް ދަތުރުކުރަމުން ދިޔައީ އޮމާންގެ ހުޅަނގުދެކުނުގައި އޮންނަ ސޮލާލާ އިން ޔޫއޭއީގެ ދުބާއީއަށް ކަމަށެވެ. (އޭޕީ)