ފީފާގެ އާ ރައީސް އިންފެންޓީނޯ ފާހަގަ ކުރެވެނީ އޭނާގެ ލީޑާޝިޕްގައި އެންމެ އާދައިގެ ޤައުމުތައްވެސް އެނާގެ ބައިއަތަށް ގެންނަނަށް މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. ފީފާގެ 209 ގައުމުގެ ތެރެއިން ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތައްވެސް އޭނާއަށް މުހިންމު ވަނީ އެހެންވެއެވެ.

ފީފާގެ ކޮންގްރެސްއަށް ރާއްޖެއިން ވަޑައިގެންނެވި އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުޙައްމަދު ޝަވީދާއި ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރު ޢަލީ ޢުމަރާއި ޖެނަރަލް ސެކެޓަރީ ބައްސާމް ޢަދީލް ޖަލީލް ވާނީ އިންތިޚާބުގެ ކުރިން ޖަޕާނުގައި އިންފެންޓީނޯއާ ބައްދަލު ކުރައްވައި ރާއްޖޭގެ ހާލަތު ހިއްސާކޮށްފައެވެ.

ބައްސާމް ސަން އަށް ވިދާޅުވީ، ޖާޕާނުގައި އިންފެންޓީނޯއާ އެކު 'ކޮފީ' އެއްގައި އެފްއޭއެމްގެ ފަރާތުން އޭނާއާ ބައްދަލު ކުރެއްވިކަމަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅައަށް ހުރި ގޮންޖެހުންތައް ހިއްސާ ކުރެއްވި ކަމަށެވެ.

"އަޅުގަނޑުމެން ހިއްސާ ކުރިން ރާއްޖެ 200 ވަރަކަށް ރަށަށް ބެހިފައިވާ ގައުމަކަށްވުމުން ކޮންމެ ރަށެއްގައި ފުޓްބޯޅައިގެ ވަސީލަތްތައް ބިނާ ކުރުމުގައި ހުރި ގޮންޖެހުން ތަކުގެ ވާހަކަ ހިއްސާ ކުރިން. އަދި ރާއްޖޭގެ އެފްއޭއަށް މިހާރު ހިންގަމުންދާ ގޮތްވެސް އަޅުގަނޑުމެން ހިއްސާ ކުރިން،" ބައްސާމް ވިދާޅުވިއެވެ.

އަދި ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކުގައި ފުޓްބޯޅަ އިތުރަށް ކުރިއެރުވުމަށް އާ ފޯމިއުލާއެއް ހޯދުމުގެ ވިސްނުންތަކެއް ގެންގުޅޭނެކަމަށް އިންފެންޓީނޯ ވިދާޅުވި ކަމަށް ބައްސާމް ވިދާޅުވިއެވެ.

އިންތިޚާބުގައި ރާއްޖެއާއި އޭޝިއާގެ އަނެއް 44 ގައުމުން ތާއިދު ކުރީ އިންތީޚާބުގައި ވާދަ ކުރި އަނެއް ކެނޑިޑޭޓް އޭއެފްސީގެ ރައީސް ޝައިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލަފީއަށެވެ. ނަމަވެސް ސަލްމާންއާ ވާދަ ކުރައްވައި އިފެންފެންޓީނޯ އިންތިޚާބު ކާމިޔަބު ކުރުމުން، އެފްއޭއެމްގެ މިހާރުގެ ނޯމަލައިޒޭޝަން ކޮމީޓީއާއި މާހިތްޕުޅުނުވާ ފަރާތްތަކުން ދެއްކެވި އެއްވާހަކަ އަކީ އިންފެންޓީނޯއާ އެކު އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ "ބާރު" ނެތިގެން ދާނެ ވާހަކައެވެ.

ނަމަވެސް މިކަމާ ބެހޭގޮތުން ބައްސާމްއާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، މީގެ ކުރިންވެސް އެފްއޭއެމްއާ އެކު އިންފެންޓީނޯ ރަނގަޅު ގުޅުމެއް އުފެދިފައިވާ ކަމަށާއި އެއީ އޭއެފްސީގެ ބައެއް ޕްލޭންތައް އެކަށައެޅުއްވުމުގައި އިންފެންޓީނޯ ބައިވެރިވެފައިވާ ކަމަށެވެ.

އަދި އިންފެންޓީނޯގެ ކެމްޕޭން ވައުދު ތަކުގެ ތެރޭގައިވެސް ހުރީ ސަލްމާންވެސް ހުށަހަޅުއްވާފައިވާ ވައުދުތަކާ ދާދި އެއްގޮތް ކަންތައްތަކަމަށް ވުމުން އިންފެންޓީނޯއާއި ސަލްމާންގެ ތެރެއިން ކޮންމެ ކެނޑިޑޭޓެއް އައި ނަމަވެސް ރާއްޖޭއަށް ޚާއްސަ ސަމާލުކަމެއް ލިބޭނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ.