ޖައްވުގައި ހުންނަ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް)ގައި އެންމެ ގިނަ ދުވަސް ހޭދަކުރި އެމެރިކާގެ އެސްޓްރޮނޯޓްގެ ރިކޯޑު މުގުރާލުމަށްފަހު، ސްކޮޓް ކެލީ މިއަދުގެ ވަގުތެއްގައި ދުނިޔެއަށް އަނބުރާ އަތުވެއްޖެ އެވެ.

ކެލީ ދުނިޔެއިން ބޭރުގައި ހޭދަކޮށްފައިވާ ދުވަސްތައް މުޅިއަކު 540ށް އަރައެވެ. މީގެ ކުރިން އެރިކޯޑު އޮތީ ޖައްވުގައި 382 ދުވަސް ހޭދަކުރި މައިކް ފިންކްގެ އަތުގަ އެވެ.

ކެލީ މިއަދު ނިންމާލި މިޝަންއަކީ އޭނާގެ ހަތަރު ވަނަ މިޝަން އެވެ. އެމިޝަންގައި އޭނާ ވަނީ ރަޝިއާގެ ކޮސްމޮނޯޓް ކޯނިއެންކޯއާއި އެކު ޖައްވުގައި ގާތްގަނޑަކަށް އެއް އަހަރު ހޭދަ ކޮށްފަ އެވެ.

ކެލީ އާއި ކޯނިއެންކޯގެ އިތުރުން ރަޝިއާގެ ކޮސްމޮނޯޓް، ސާގެއި ވޮލްކޮވް، ދަތުރު ކުރި ސޯޔޫޒް ޓީއެމްއޭ-18 ކެޕްސިއުލް ކަޒަކިސްތާނުގައި ހުންނަ ސްޕޭސް ލޯންޗް ފެސިލިޓީގައި މިއަދު ޖެއްސީ ހެނދުނުގެ ވަގުތެއްގަ އެވެ.

ކެލީގެ ސްޕޭސް މިޝަންގެ މަގުސަދަކީ ޖައްވުގައި ދިގު މުއްދަތެއް ހޭދަކުރުމުން މީހާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަންނަ ބަދަލުތައް ބެލުމެވެ. އެ މައުލޫމާތުގެ ޒަރިއްޔާއިން އިންސާނުން މާސްއަށް ފޮނުވުމަށް ނާސާއިން ކުރަމުންދާ މަސައްކަތައް ބޮޑު ކުރި އެރުމެއް ލިބޭނެ ކަމަށް ނާސާއިން ބުންޏެވެ.

މީގެ ކުރިން ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ޖައްވުގައި ދަމާ ބާރު ނުވަތަ ގްރެވިޓީ ނެތުމުގެ ސަބަބުންނާއި ރޭޑިއޭޝަން ގިނަ އަދަދަކަށް ހުރުމުގެ ސަބަބުން ހަށިގަނޑުގެ ކަށިތަކަށާއި މަސްތަކަށް ގެއްލުން ލިބޭ އެވެ. އަދި ލޮލުގެ ފެނުން ދަށްވެ ބައެއް އެސްޓްރޮނޯޓުންނަށް ނިދަން އުނދަގޫވެ އެވެ.

ކެލީއަށް އައިސްފައިވާ ބަދަލު އަޅާ ކިޔާނީ އޭނާގެ އެއްމާބަނޑު ކޮއްކޮ، މާކްއަށް އެއް އަަހަރު ތެރޭގައި އައިސްފައިވާ ބަދަލުތަކާ އެވެ. ޖައްވުގައި ހޭދަ ކުރި ދުވަސްތަކުގެ ތެރޭގައި ކެލީ ވަނީ އޭނާގެ ހަށިގަނޑަށް އަންނަ ބަދަލުތައް ބެލުމަށް، ޖައްވުގައި ހުރެގެން އެކި ފަހަރު މަތިން އޭނާގެ ހަށިގަނޑުން ސާމްޕަލްތައް ނަގާފަ އެވެ. އޭނާގެ ކޮއްކޮ، މާކް ވެސް ވަނީ ދުނިޔޭގައި ހުރެގެން އޭނާގެ ގައިން އެފަދަ ސާމްޕަލްތައް ނަގާ ނާސާއަށް ދީފަ އެވެ. ނާސާއިން އެ ސާމްޕަލްތައް ޓެސްޓު ކުރުމަށް ފަހު، ޖައްވުގައި މީހުން ދިރިއުޅުމުން އަންނަ ޖެނެޓިކް ބަދަލުތަކާ ބެހޭގޮތުން ދިރާސާކުރާނެ އެވެ. (ނޫސްއޭޖެންސީތައް)