02 Mar 2016, 13:18
ކީ ސްޓޭޖު ދޭއް ނިމުމުގެ ކުރިން ކޮންމެ ދަރިވަރަކީވެސް ގުރުއާން ހަތިމު ކޮށްފައިވާ ކުއްޖެއްކަން ޔަގީން ކުރުމަށް، ގުރުއާން ހަތިމު ކުރުމުގެ ޕްރޮގުރާމެއް ސުކޫލްތަކުގައި ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީ އާއި އިސްލާމިކު މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ އެ ޕްރޮގުރާމްގައި ބައިވެރިވި ސުކޫލް ތަކަށް ލިޔުން ހަވާލު ކުރުމަށް، މިއަދު އިސްލާމިކު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސުކޫލްތަކާ ލިޔުން ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު ޝިހާމް އެވެ.

ގުރުއާން ހަތިމް ކުރުމުގެ ޕްރޮގުރާމްގައި ބައިވެރިވި ސުކޫލްތަކަށް ލިޔުން ހަވާލު ކުރަނީ --- ސަން/ފޮޓޯ: ޔޫސުފް ސޮފްވާން
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން، ޝެއިހު މުހައްމަދު ރަޝީދު އިބްރާހިމް ވިދާޅުވީ، ގުރުއާނުގެ އަހުލުވެރިންނަކީ އެ ގުރުއާން ހިތު ދަސް ކޮށް އެއަށް އަމަލު ކުރާ މީހުން ކަމަށެވެ.

ގުރުއާން ހަތިމް ކުރުމުގެ ޕްރޮގުރާމްގައި ބައިވެރިވި ސުކޫލްތަކަށް ލިޔުން ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނު، ޝެއިހު މުހައްމަދު ރަޝީދު އިބްރާހިމް ވާހަކަދައްކަވަނީ --- ސަން/ފޮޓޯ: ޔޫސުފް ސޮފްވާން
"ގުރުއާނުގެ އަހުލުވެރިންނަނީ ކީރިތި ގުރުއާން ހިތުދަސްކޮށް އަދި ކީރިތި ގުރުއާނުން އަމަލު ކުރާ މީހެއް ވިއްޔާ އެ ގޮތުގައި ދެމި ހުރެއްޖިއްޔާ ހަދީސެއްގައި އޮންނަނީ އެމީހަކު ވާހުށީ ﷲގެ ހަޒުރަތުގައި އެދުވަހުގައި އަރުޝިފުޅުގެ ހިޔާވަހިކަން ނޫން އެހެން ހިޔާ ކަމެއް ނުވާ ދުވަހު އަރުޝިފުޅުގެ ހިޔާވަހިކަމުގެ ދަށިގައި އަދި ނޫރުން ވާ މިމްމަބަރު ތަކެއްގެ މަތީގައޭ." ޝެއިހު މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ބައިވެރިވި ސުކޫލްތަކުގެ ދަރިވަރުންނާ މުހާތަބުކުރައްވާ ޝެއިހު ވިދާޅުވީ، ދަރިވަރުން ގޭގައި ނަމާދު ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި ފިލާވަޅު ދަސްކުރުމުގެ ކުރިންނާއި ނިދުމުގެ ކުރިންވެސް ކިޔަވަން ޖެހޭ އާޔަޔްތަކާއި ދުއާތައް ކިޔުމަށް ދަރިވަރުންނަށް އިލްތިމާސް ކުރެއްވިއެވެ.

ގުރުއާން ހަތިމް ކުރުމުގެ ޕްރޮގުރާމްގައި ބައިވެރިވި ސުކޫލްތަކަށް ލިޔުން ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ޔޫސުފް ސޮފްވާން
މިއަދުގެ ރަސްމިއްޔާތުގައި ވަނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލެއިން ގުރުއާން ހަތިމު ކުރުމުގެ ޕްރޮގުރާމްގައި ބައިވެރިވި 15 ސުކޫލަކަށް އެކަމުގެ ލިޔުން ހަވާލުކޮށްފައެވެ.
ކޮންމެ ހަފުތާއަކުވެސް އިތުރު ދެ ގަޑި އިރު ސުކޫލްގައި ހޭދަކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ޕްރޮގުރާމްގައި 900 ދަރިވަރުން ބައިވެރިވާއިރު، އެ ހުރިހާ ދަރިވަރުންވެސް ދެ އަހަރު ދުވަސް ތެރޭ ގުރުއާން ހިތުދަސް ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެއެވެ.