ޕޮލިސް ކޮމިޝަނަރާއި ޗީފް އޮފް ޑިފެންސް ފޯސް، މަޖިލީހުގެ ސަލާމަތީ ޚިދުމަތުގެ ކޮމިޓީއަށް ހާޒިރުވުން ލާޒިމު ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ. ގެލެކްސީ ފަޅާލައިގެން ހައްޔަރު ކުރި ތިން މީހުންގެ ތެރޭގައި ކުށް ސާބިތު ނުވެގެން ދޫކޮށްލާފައި ތިބި މީހުން ހިމެނޭ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުންގެ އިސް އޮފިސަރަކު އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަޚްލާގީ ޢަމަލު ހިންގި ކަމަށް ބުނާ މައްސަލައެއް ފުލުހުންނާއި ޕޮލިސް އިންޓެގްރިޓީން ބަލަން ފަށައިފި އެވެ. ގައްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލަ ގަޔަށް ޕެޓްރޯލް ހަމެއް އަޅާލައިގެން ރޯކޮށްލި ޒުވާނާ މަރުވެއްޖެ އެވެ.

ހުކުމް ތަންފީޒުނުކުރެވި 465 ކުށްވެރިއަކު ދޫވެފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ. ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލައިގައި ހަތަރު އަހަރު ފިލައިގެން އުޅެފައި މާލެ އައި މީހާ ކޯޓުން ދޫކޮށްލައިފި އެވެ. އާހާބަރުން ބިން ވިއްކުމަށް ރައީސް ނިންމެވީ ޤާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. މީހެއްގެ މަރާ ގުޅިގެން ހައްޔަރު ކުރި މީހަކު 6 މަސް ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު ހެލްތުން ޖަވާބުދާރީ ނުވުމުން ކޯޓުން ދޫކޮށްލައިފި އެވެ. ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުންނަށް މަގާމުގައި ނުތިއްބެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.

ޖަލުތަކާބެހޭ ސްޓޭޓް މިނިސްޓަރުގެ ކޮއްކޮއަކު ކޯޓުގެ ހުރުމަތް ކަނޑައިގެން ޖަލަށް ލާން ހުކުމް ކޮށްފި އެވެ. އުމުރަށް ޖަލަށްލާފައި ހުރި މީހަކު ފިހާރައަކަށް ވަދެ ސޭޓަށް ހަމަލާދީ މަރުގެ އިންޒާރު ދީފި އެވެ. އެމްއެންބީސީގެ ނޫސްވެރިޔަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ. ގަތަރު އަމީރު ސްކޫލްގައި ކިޔަވަން އިން ދަރިވަރަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ. މާފަންނުގައި ހުރި ފިހާރައެއްގެ ސޭޓަކަށް ވަޅިން ބިރު ދައްކައި، އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ފައިސާތަކެއް ފޭރިގަނެގެން ބަޔަކު ފިލައިފި އެވެ.

ލ. ގަމުގައި މޫނު ނިވާކޮށްގެން ތިބި ގްރޫޕަކުން ޒުވާނަކަށް ހަމަލާދީ ޒަހަމުކޮށްލައިފި އެވެ. އުމުރަށް ޖަލަށްލާފައި ހުއްޓާ މީހަކަށް މަރުގެ އިންޒާރުދީގެން ހައްޔަރުކުރީ ޖަލުން ފަރުވާއަކަށް ގެނެސްފައި ހުރި މީހެއް ކަމަށް ޑީޕީއާރް އެސް އިން ބުނެފި އެވެ. ޑީޕީއާރްއެސްގެ މުވައްޒަފުންނަށް ބިރު ދެއްކުމަށް ފަހު ގައިދީއަކު ގޮވައިގެން ފިލައިފި އެވެ. ޑީޕީއާރްއެސްގެ ސްޕްރިންޓެންޑެންޓަކު ހިއުމަން ރައިޓްސް ކޮމިޝަނަށް ހާޒިރު ނުވެގެން ދައުވާކޮށްފި އެވެ. މާލޭގައި ޒުވާނެއްގެ ލޮލަށް ވަޅި ހަރައިފި އެވެ.

ގްރޫޕް މާރާމާރީތަކެއްގައި އެކެއްގެ ގަޔަށް ވަޅި ހަރައި ދެ ފުލުހަކަށް ހަމަލާދީފި އެވެ. އަމީނީމަގުގައި ޒުވާން ކުއްޖެއްގެ ބަނޑަށް ވަޅި ހަރާލައިފި އެވެ. ބާރަށުގައި ހިނގި ގްރޫޕް މާރާމާރީއެއްގައި 17 އަހަރުގެ ކުއްޖެއްގެ މެއަށް ވަޅިއެއް ހަރާލައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ. ސިނަމާލޭ ފްލްޓް ސަރަހައްދުގައި ހިނގި ގުރޫޕް މާރާމާރީއެއްގައި މީހެއްގެ ބޮލަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ. ކޯރުކެނޑިމަގުގައި ގްރޫޕަކުން ގޮސް ވަޅިއަކުން ހަމަލާދީ ޕިކަޕް ޑްރައިވަރަކު ޒަހަމްކޮށްލައިފި އެވެ. ހޮސްޕިޓަލަށް ވިހަން ވެއްދި މީހަކަށް ނުވިހިގެން ކުއްޖާގެ ކަރުބުރިކޮށްލައިގެން ނަގައިފި އެވެ.

ދޮން ބައްޕައަކު އޭނާގެ 12 އަހަރުގެ ދޮންދަރިއާ އެކު ބަދުއަހުލާގީ އަމަލެއް ހިންގި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ. މާލޭ ޖަލުގައި އަލިފާން ރޯކޮށްލައިފި އެވެ. ހިންމަފުށި ޖަލުން 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކު ފިލައިފި އެވެ. 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހަކު އޮފީހެއް ފަޅާލައިގެން ހައްޔަރުކޮށްފި އެވެ. ކަނޑި ގެންގުޅުމުގެ ކުށުގައި ޖަލުގައި ފަސް އަހަރުގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ގޭބަންދަށް ދޫކޮށްފި އެވެ. ގޭބަންދުގައި 300 އެއްހާ ގައިދީން އެބަތިބި ކަމަށް ޑީޕީއާރްއެސް އިން ބުނެފި އެވެ. 45 އަހަރާއި 27 އަހަރަށް ހުކުމް ތަންފީޒު ކުރަންޖެހޭ ދެ މީހަކު ވައްކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

ހުކުމެއް ތަންފީޒު ކުރަމުންދަނިކޮށް ފިލި މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ. އައިޖީއެމްއެޗްގައި އޮޕަރޭޝަންކޮށްފައި އޮތް ގައިދީއަކު ފިލައިފި އެވެ. ފިހާރައަކުން ފޭރުނުތާ 48 ގަޑިއިރު ނުވަނީސް އިތުރު ފިހާރައަކަށްވަދެ ފައިސާ ފޭރިގަނެގެން ފިލައިފި އެވެ. ފިހާރައަަކަށް ވަދެ ވަޅިން ސޭޓަށް ބިރު ދައްކައި 1000ރ. ފޭރިގަނެގެން ފިލައިފި އެވެ. ޑޮކްޓަރަށް ދައްކަން އައިޖީއެމްއެޗަށް ގެންދިޔަ ގައިދީއަކު ފިލައިފި އެވެ. ފުލުހުންގެ ކުރިމަތީގައި 16 އަހަރުގެ ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމަށްފަހު ބަޔަކު ފިލައިފި އެވެ.
ހާބަރު ސަރަހައްދުގައި ހުރި ފިހާރައެއްގެ ވެރިމީހާ އަށް ތޫނު އެއްޗަކުން ހަމަލާދީ ދޮޅު ލައްކަ އެއްހާ ރުފިޔާ ފޭރިގަނެގެން ބަޔަކު ފިލައިފި އެވެ. ދެ މެންބަރެއްގެ ނަން އިއްވައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މެދުކަނޑާލައިފި އެވެ. ނަން އިއްވެވި މެންބަރު ނުކުންނަވަންދެން ޖަލްސާ މެދުކަނޑާލައިފި އެވެ. ނިޒާމީ މައްސަލަތަކުގެ އޮއިވަރުގައި ޖެހި، މަޖިލީހުގެ ޖަލްސާތައް ހަފްތާއަކަށް މެދުކަނޑާލައިފި އެވެ. ނިޒާމީ ނުކުތާތަކާ ހެދި މިއަދުގެ ޖަލްސާ ވެސް ކުރިއަށް ނުގެންދެވިގެން މެދުކަނޑާލައިފި އެވެ. ކާނަލް ނަޝީދު މަޖިލީހުން ނުނުކުންނެވުމުން ޖަލްސާ ހުއްޓާލައިފި އެވެ.

މަތީގައި ބަރިޖަހާފައި އެވަނީ އަޅުގަނޑުގެ ފޯނުގެ އިންބޮކްސްގެ ތެރެއަށް މިދިޔަ މަދު ދުވަސް ތަކުގެ ތެރޭގައި އައި އެސްއެމްސްތަކެވެ. އެ މެސެޖުތައް ފޮހެލުމުގެ ކުރިން އަޅުގަނޑު އަލުން ކިޔައިލީ އެވެ. މީ ގައުމުގެ ހާލަތޭ ބުނާނެ މީހުން ވެސް އުޅޭނެ އެވެ. އެކަމަކު މުޅި ގައުމުގައި ބޮޑެތި ކޮމިޝަން ތަކެވެ. ތިރީސް ހާހުން ސާޅީސް ހާހުން މުސާރަ ނަގައިގެން ތިބޭ މުސާރަ ވެރިންނެވެ. މުޅި މާލެ ހީވަނީ ޕޮލިސް ސްޓޭޓެއް ހެންނެވެ. ބަލާލި ކޮންމެ ދިމާއަކުން ފުލުހުންނެވެ. މާލޭގެ ބޮޑު މިނުގައި ދެ އަކަ ކިލޯ މީޓަރު ހަމަ ނުވެ އެވެ. މަގުމަތީގައި މީހުން ކަތިލަނީ އެވެ. ފޮތި ފޮތި ކުރަނީ އެވެ. މި ގައުމުގެ ޒުވާން ޖީލު މަރައި ހުސް ކުރަނީ އެވެ. މައިންނާއި ބަފައިންނާއި އެއްބަނޑު މީހުންނަށް އިތުބާރު ކުރާން ބޭނުންވެ އެވެ. އެކަމަކު އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ މި ގައުމުގެ ކުށެއް ނެތް މައުސޫމު ތުއްތު ތުއްތު ކުދީންނާއި ކުޑަ ކުދީން މި ވަނީ އެ ކުދީންގެ މައިންނާއި ބަފައިންނާއި އެއްބަނޑު މީހުންގެ ޖިންސީ ޝިކާރަ އަކަށް ވެފަ އެވެ. މުދައްރިސުންނަކީ އެ މީހުންގެ ފަރާތުން ދަރުސުތައް ލިބިގަންނަން ތިބި، އަޅުގަނޑުމެންގެ ޅަ ދަރީންގެ އެދުރުންނެވެ. އެކަމަކު އެ މީހުންގެ ފަރާތުން ވެސް ދަރިވަރުން ޝިކާރަ ކުރުން މި ދަނީ ޢާންމު ވަމުންނެވެ. ދެން އޮތީ ނަމޫނާ ރައްޔިތުންގެ މަޖިލީހެވެ. އެ މަޖިލީހުގެ އެތެރޭގައި ހިނގާ ކަންކަމުގެ މަންޒަރު ޢާއިލާގެ ކުދި ބޮޑު އެންމެން އެކުގައި ތިބެގެން ބަލައިލާން ކެރޭ ވަރެއް ނުވެ އެވެ. އިއްޒަތްތެރި މެންބަރުން ދައްކަވާ އިއްޒަތްތެރި ވާހަކަ ތަކުގެ އަޑު ހެޔޮލަފާ ކަންފަތަކުން އަހައިލާން ކެރޭ ވަރެއް ނުވެ އެވެ.

މި ހުރިހާ ކޮމިޝަން ތަކާ ބޯޑު ތަކާ ފުލުހުންނާ މި ކުރަނީ ކީއް ކަމެއް އަޅުގަނޑަކަށް ނޭނގެ އެވެ. އެނގޭ ކަމަކީ މީ ތަންކޮޅެއް ބޮޑު ވަރު ކަމެވެ. ތަންކޮޅެއް ނޫނެވެ. މީ ދެން މާ ބޮޑު ވަރެވެ. ތިޔަ ބޭފުޅުން ވިދާޅުވަނީ ކީކޭތޯ އެވެ؟