26 Apr 2010, 11:53
14:30
ލ. ގަމު މުކުރިމަގު އަވަށުގެ ބައެއް ތަންތަނަށް ގެއްލުންދީ މާރަމާރީ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މީހާ ފިލައިގެން ވަލުތެރޭގައި އުޅެނިކޮށް ފުލުހުން އަތުލައިގެންފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބްއިންސްޕެކްޓަރ އޮފް ޕޮލީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން، ލ.ގަން މަތިމަރަދޫ، ބޭސްގޭ އުމުރުން 30 އަހަރުގެ އަހުމަދު ވަޖީހު ފުލުހުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެ އަމަލު ހިންގުމަށްފަހު، އޭނާ ފިލައިވަނިކޮށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިއަދު ހެނދުނު ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ އެ މީހާ ފެނިފައި ވަނީ ގަން މަތިމަރަދޫ އަވަށާއި ތުނޑީ އަވަށް ބައިކުރި ސަރަހައްދުގެ އިރުމަތީ ފަރާތު އަތިރިއާ ދިމާލު ވަލުތެރެއިން ކަމަށާއި އެމީހާއާއެކު މިހާރު އެ މައްސަލަ އާއި ގުޅިގެން ޖުމްލަ 25 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ހަތަރު ކުއްޖަކާއި އަންހެނެއް ވެސް ހިމެނޭ ކަމަށާއި އެ އެންމެންނަކީ ވެސް ތަފާތު އެކި ކަހަލަ ކުށުގެ ރިކޯޑްސް ފުލުސް އޮފީހުގައި އޮތް މީހުން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
މިމަހުގެ 17 ވަނަ ދުވަހު އެ ގްރޫޕުން ވަނީ މުކުރިމަގު އަވަށުގެ ބަނދަރު ކައިރީގައި ހުރި ހަޓެއް ރޯކޮށްލާ، މުކުރިމަގު އަވަށުގެ ދެ ގެއަކާއި ހޮޓަލެއްގެ ބިއްލޫރިތައް ތަޅާލާ ގެއްލުން ދީފަ އެވެ. އަދި މަތިމަރަދޫ ސިނާއީ ސަރަހައްދުގައި ހުރި ފިހާރައެއްގެ ބިއްލޫރިތައް ވެސް ތަޅާލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މަތިމަރަދޫ އަވަށުން މުކުރިމަގު އަވަށަށް ދިޔަކަމަށް ބެލެވޭ އެ ގްރޫޕުން މުކުރިމަގު އަވަށުގެ ވަލުތެރެއިން ކުއްލިއަކަށް މުކުރިމަގަށް އަރާ ހިންގަން ފެށި އެ ކަންތައްތައް އެރަށުގައި ހަރަކާތްތެރިވާ ފުލުހުންގެ ދެ ވެހިކަލަކުން ހުއްޓުވުމަށް މަސައްކަތް ކުރުމުން އެ ގްރޫޕުން ވަނީ ފުލުހުންގެ ދެ ވެހިކަލަށް ހަމަލާދީ އެއް ވެހިކަލްގެ ބިއްލޫރިތައް ތަޅާލައި އޭގައި ތިބި ފުލުހުންނަށް ވެސް ހަމަލާދީފަ އެވެ.