ޖެނުއަރީ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 11.7 ޕަސެންޓް އިތުރުވެ އިގްތިސާދަށް ކުރިއެރުން އަތުވެއްޖެ އެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމު ކުރި ޖެނުއަރީ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ޖެނުއަރީ މަހު ރާއްޖެއަށް 108,396 ފަތުރުވެރިން ވަނީ އައިސްފަ އެވެ. އެ މުއްދަތުގައި މިދިޔަ އަހަރު ރާއްޖެ އައިސްފައި ވަނީ 97,073 ފަތުރުވެރިންނެވެ. އެހެންކަމުން އެއީ 11.7 ޕަސެންޓުގެ ކުރިއެރުމެކެވެ.

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ޔޫރަޕުން އައި ފަތުރުވެރިންގެ އަދަދަށް އައިސްފައިވާ ކުރިއެރުމެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޔޫރަޕުން 52,545 ފަތުރުވެރިން އައިސްފައި ވާއިރު މިއަހަރުގެ އެ މުއްދަތުގައި ޔޫރަޕުން 55,382 ފަތުރުވެރިން ވަނީ އައިސްފަ އެވެ. އެއީ 5.4 ޕަސެންޓުގެ އިތުރުވުމެކެވެ.

އޭގެ އިތުރުން އަރަބި ގައުމުތަކުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 11.7 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފަ އެވެ. މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެ އައިސްފައި ވަނީ 4,339 އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އައިސްފައި ވަނީ 3,885 ފަތުރުވެރިންނެވެ.

ޖެނުއަރީ މަހު ވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޗައިނާ އިންނެވެ. ޗައިނާ އިން ޗައިނާ 23،241 ފަތުރުވެރިން އައި އިރު ޗައިނާ މާކެޓު ވަނީ 13.5% ކުރިއަށް ޖެހިލާފަ އެވެ.

އަށް ޕަސެންޓުގެ ކުރިއެރުމަކާ އެކު އިނގިރޭސިވިލާތުން އައި ފަތުރުވެރިންގެ އަދަދު ވަނީ ީ7،728 އަށް އަރާފަ އެވެ. އޭގެ އިތުރުން ޖަރުމަނުން އައި ފަތުރުވެރިން 10.5 ޕަސެންޓަށް އަދި އިޓަލީ އިން އައި ފަތުރުވެރިންގެ އަދަދު 9.8 ޕަސެންޓް ވަނީ ކުރިއަރާފަ އެވެ.

އަވައްޓެރި އިންޑިއާއަށް ބަލާލާއިރު، އިންޑިއާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 32.1 ޕަސެންޓު މައްޗަށް ޖެހިލާފަ އެވެ. 2015 ވަނަ އަހަރުގެ ޖެނުއަރީ މަހު އިންޑިއާ އިން ރާއްޖެ އައީ 3,922 ފަތުރުވެރިންނެވެ. ނަމަވެސް ފާއިތުވި ޖެނުއަރީ މަހު އެ އަދަދު ވަނީ 5,182 އަށް އިތުރުވެފަ އެވެ.