އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ 2-1ގެ ނަތީޖާ އަކުން ނޯވިޗް ސިޓީ އަތުން މޮޅުވިއިރު ލެސްޓަ ސިޓީ ކުޅުނު މެޗުން 2-2ގެ ނަތީޖާ އަކުން ވެސްޓްބްރޮމްއާ އެއްވަރުވެ އެއްވަނާގައި ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު ލެސްޓާއަށް ގެއްލިއްޖެއެވެ.

ރޭގެ މެޗު އެއްވަރުވި ނަމަވެސް އެއްމެޗު އިތުރަށް ކުޅެ ލެސްޓާ އޮތީ 57 ޕޮއިންޓާއެކީ ލީގުގެ އެއްވަނައިގަ އެވެ. ނަމަވެސް މިރޭ ކުޅޭ މެޗުން ޓޮޓެންހަމް މޮޅުވެއްޖެނަމަ، އެޓީމަށް ވެސް 57 ޕޮއިންޓް ލިބޭނެއެވެ. އަދި ގޯލުގެ ތަފާތުން އެ ޓީމް އަށް އެއްވަނަ ވެސް ލިބޭނެއެވެ. ރޭގެ މެޗުން މޮޅުވި ޗެލްސީ ވަނީ 39 ޕޮއިންޓާއެކީ އަށްވަނަ އަށް ކުރިއަށް ޖެހިލާފައެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލެސްޓާ ސިޓީ އާއި ވެސްޓްބްރޮމް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ލެސްޓާގެ ދަނޑުގައި ކުޅުނު އެ މެޗުގެ ކުރީ ކޮޅުގައި ވެސްޓްބްރޮމްގެ ހޯޒޭ ސޮލޮމޮން ރޮންޑޮން ވަނީ، އެޓީމަށް މެޗުގެ ލީޑުނަގާދީފަ އެވެ. ނަމަވެސް ލެސްޓާއިން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ދެ ގޯލް ކާމިޔާބުކޮށް މެޗުގެ ލީޑް ނަގާފައެވެ. އެ ދެ ގޯލް ލެސްޓާ އަށް ކާމިޔާބް ކޮށްދިނީ ޑެނިއެލް ޑްރިންކްވޯޓާ އާއި އެންޑީ ކިންގްއެވެ.

ފުރަތަމަ ހާފް ލެސްޓާ ލީޑުގައި އޮވެ ނިމުނު ނަމަވެސް، ދެވަނަ ހާފްގެ ކުރީކޮޅު ވެސްޓްބްރޮމް އަށް ލިބުނު ހިލޭ ޖެހުމަކުން ކްރެއިގް ގާޑްނާ ވަނީ އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ޗެލްސީ އާއި ނޯވިޗް ސިޓީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ގޫސް ހިޑިން ޗެލްސީއާ ހަވާލުވި ފަހުން ލީގުގައި އަދި އެ ޓީމް ބަލިވެފައިނުވާ އިރު ނީވިޗުގެ ދަނޑުގައި ކުޅުނު އެ މެޗު ޗެލްސީން ކާމިޔާބް ކުރީ ފުރަތަމަ ހާފްގައި ކެނެޑީ އާއި ޑިއެގޯ ކޯސްޓާ ކާމިޔާބް ކޮށްދިން ގޯލުންނެވެ.

ދެ ވަނަ ހާފުގައި ނޯވިޗުން ރަނގަޅު ކުޅުމެއް ދައްކައި ޗެލްސީގެ ގޯލަށް ނުރައްކާކޮށް ވަނީ ގޯލެއް ކާމިޔާބް ކޮށްފައެވެ. އެ ގޯލް ޗެލްސީއަށް ކާމިޔާބު ކޮށްދިނީ ނޭތަން ރެޑްމޮންޑް އެވެ.