02 Mar 2016, 11:26
ނިއުދިއްލީ (މާޗް 2): އިންޑިޔާގެ ސިފައިންގެ ތެރެއަށް ވަނުމަށްއެދި ފޯމް ހުށަހަޅާފައިވާ މީހުންނަށްދޭ އިމްތިޙާން އެމިހުން ހަދަންޖެހޭނީ ހެދުންތައް ބާލައިގެން ކަމަށް ނިންމުމާ ގުޅިގެން އެކަން އެގޮތަށް ކޮށްފިއެވެ.
"ދި އިންޑިޔަން އެކްސްޕްރެސް" ބުނާގޮތުން އިންޑިޔާ ސިފައިން ގެ ޗީފް އޮފް ސްޓާފް އިން ނެރުނު ބަޔާނެއްގައި ސިފައިންގެ ތެރެއަށް ވަނުމަށް އެދިފައިވާ ފަރާތްތަކަށް ދޭ އިމްތިޙާން ހަދާއިރު އެމީހުން ހެދުންތައް ބާލަންޖެހޭނެ ކަމަށާ އަދި ތިބެންޖެހޭނީ ހަމައެކަނި ޖަނގިޔަލުގައި ކަމަށް ބުނެފައެވެ. މިކަމުގެ ބޭނުމަކީ ކޮޕީކުރުން ހުއްޓުވުންކަމަށްވެސް ސިފައިންގެ ބަޔާން ބުނެއެވެ.
މިއީ އިންޑިޔާ ސިފައިންގެ ތެރެއަށް އަލަށް ވައްދާ މީހުންގެ ފެންވަރު ބެލުމަށް ޓަކައި ހަދަންޖެހޭ އިމްތިޙާން މިގޮތަށް ހެދި ފުރަތަމަ ފަހަރެވެ. މިއިމްތިޙާން ހެދުމަށް ހާހެއްހާ މީހުން ތިބިއިރު އެމީހުން ބައިތިއްބާފައިވަނީ ޖަގިޔަލުގައި ހާމަތަނެއްގައެވެ. އިމްތިޙާނުގެ ކަރުދާސް ބާއްވަންޖެހެނީ ބިންމަތީގައެވެ. ނޫނީ ފައިގެ ފަލަމަސްގަނޑު މަތީގައެވެ. އަދި އިމްތިޙާން ހަދަނީވެސް ސިފައިންގެ ސްޕަވައިޒަރުންގެ ސީދާ ބެލުމުގެ ދަށުންނެވެ.
މިފަދަ އިމްތިޙާންތަކުގައި މަކަރު ހެދުމާއި ކޮޕީކުރުމަކީ އިންޑިޔާގައި ވަރަށް އާންމު ކަމެކެވެ. އިންޑިޔާގެ ސިފައިންގެ މީޑިޔާ އާބެހޭ ޑިޕާޓްމަންޓުންވަނީ މިކަމާބެހޭގޮތުން އިތުރު ތަފްސީލް ދިނުމަށް ދެކޮޅު ހަދާފައެވެ. (އިންޑިޔަން އެކްސް ޕްރެސް)