ދުނިޔޭގެ އެންމެ ގިނަ ގައުމުތަކަށް ހިލޭ ވިސާގައި ދަތުރުކުރެވެނީ ޖަރުމަނު ވިލާތުގެ ޕާސްޕޯޓު އޮންނަ ފަރާތްތަކަށް ކަމަށް މިއަހަރުގެ ވީސާ ރިސްޓްރިކްޝަން އިންޑެކްސްއިން ދައްކައިފި އެވެ.

މި އިންޑެކްސްއިން ދައްކާ ގޮތުގައި، ޖަރުމަނު ވިލާތުގެ ޕާސްޕޯޓު ހޯލްޑަރުންނަށް ދުނިޔޭގެ 218 ގައުމުގެ ތެރެއިން 177 ގައުމަށް ހިލޭ ވިސާގައި އެތެރެވުމުގެ ހުއްދަ އޮވެ އެވެ.

ޖަރުމަނާއި ޖެހިގެން، މި އިންޑެކްސްގެ ދެވަނައިގައި ވަނީ ސްވީޑެން އެވެ. އެގައުމުގެ ޕާސްޕޯޓު ހޯލްޑަރުންނަށް ދުނިޔޭގެ 174 ގައުމަކަށް ހިލޭ ވިސާގައި އެތެރެ ވެވޭނެ އެވެ.

ލިސްޓުގެ ތިންވަނައިގައި ހިމެނެނީ ފިންލެންޑް، ފްރާންސް، އިޓަލީ، ސްޕެއިން އަދި އިނގިރޭސި ވިލާތެވެ. ހަތަރުވަނައިގައި ބެލްޖިއަމް، ޑޭންމާކު، ނެދަލެންޑްސް އަދި އެމެރިކާ ވާ އިރު، އެމެރިކާއަކީ މިދިޔަ ދެ އަހަރު، މި އިންޑެކްސްގެ އެއްވަނައިގައި އޮތް ގައުމުކަން ފާހަގަ ކޮށްލެވެ އެވެ.

މި ލިސްޓުގެ އެންމެ ފުލުގައި ވަނީ، އެ ގައުމެއްގެ ޕާސްޕޯޓު ހޯލްޑަރުންނަށް ހިލޭ ވިސާގައި އެންމެ މަދު ގައުމަކަށް އެތެރެ ވެވޭ ގައުމުތަކެވެ. މި ލިސްޓުގެ އެންމެ ފުލުގައިވާ ގައުމުތަކުގެ ތެރޭގައި އަފްގާނިސްތާނު، ޕާކިސްތާން، އިރާގު، ސޯމާލިއާ އަދި ސީރިއާ ވެ އެވެ.

މި ލިސްޓު އެކުލަވާލާފައި ވަނީ އިމިގްރޭޝަނާއި ސިޓިޒެންޝިޕުގެ ދާއިރާއިން ކޮންސަލްޓަންސީ ފޯރުކޮށްދޭ އިނގިރޭސި ކުންފުންޏެއް ކަމުގައިވާ ހެންލީ އެންޑް ޕާޓްނާރސްއާއި، އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓު އެސޯސިއޭޝަނުންނެވެ.

ހެލްނީ އެންޑް ޕާޓްނާރސްއިން ބުނާ ގޮތުން، ގައުމުތަކުން ހިލޭ ވިސާގައި ވަނުމުގެ ހުއްދަ އެހެން ގައުމެއްގެ ރައްޔިތުންނަށް ދެނީ، ދެގައުމުގެ ދެމެދުގައި އޮންނަ ޑިޕްލޮމެޓިކް ގުޅުން ވަރުގަދަ ކުރުމަށްފަހު ކަމަށެވެ. އަދި އެއް ގައުމުން މިކަމުގައި ލުޔެއް ދޭ ނަމަ ބަދަލުގައި އަނެއް ގައުމުން ވެސް ވިސާގެ ލުއި ދިނުމަކީ އެދެވޭ ކަމެއް ކަމަށާއި، ސެކިއުރިޓީގެ ކަންކަމަށް ވެސް ވަރަށް ބޮޑަށް ބެލޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މުޅި ލިސްޓަށް ބަލާ އިރު، ހިލޭ ވިސާ ދޭ ގައުމުތައް އަދަދުން އިތުރުވެފައިވާ ކަމަށާއި، މިއީ ދަތުރުފަތުރު ކުރުމަށް ދުނިޔޭގައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ބުނެފައި ވެ އެވެ.

މަސްދަރު: ސީއެންއެން