02 Mar 2016, 00:21
ސްވިޒަލޭންޑްގެ ޖެނީވާއަށް މިހާރު ވަޑައިގެން އުޅުއްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު، ޔުނައިޓެޑް ނޭޝަންސް ހައިކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ޒައިދު ރައަދު އަލް ޙުސައިން އާ ބައްދަލުކުރައްވައިފިއެވެ.
އެ ދެބޭފުޅުންގެ ބައްދަލުވުމާ ބެހޭ ތަފުސީލެއް ފޮރިން މިނިސްޓްރީން އަދި ހާމައެއް ނުކުރެއެވެ.
ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު އިއްޔެ ޖެނީވާއަށް ވަޑައިގެންނެވީ ހިއުމަން ރައިޓްސް ކައުންސިލްގެ 31 ވަނަ ސެޝަންގައި ތަގުރީރުކުރެއްވުމަށެވެ. އެ ކަމަނާ މިއަދު ވަނީ ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްގެ ސެޝަންގައި ތަގުރީރު ކުރައްވާފައެވެ.
އެ ތަގުރީރުގައި ދުންޔާ ވިދާޅުވީ، ކުރިއަރާފައިވާ ޑިމޮކްރަސީއަކަށް ރާއްޖެ ބަދަލުކުރައްވާނެ ކަމަށެވެ.
"... އަހަރެމެން އިންޝާ ﷲ ކުރިއަރާފައިވާ ޑިމޮކްރަސީއަކަށް ދިވެހި ރާއްޖެ ބަދަލުކުރާނަން. ކޮންމެ ފަރުދެއްގެ ހައްގުތައް ރައްކާތެރި ކުރާ ޑިމޮކްރަސީއަކަށް. އިންސާނީ ތަރައްގީ ދަމަހައްޓާ ޑިމޮކްރަސީއަކަށް. ކުރިއެރުމަށް ފުރުސަތުދޭ ޑިމޮކްރަސީއަކަށް،" ދުންޔާ ވިދާޅުވިއެވެ.
ދުންޔާ ދެން ވިދާޅުވީ، އެހެން ނަމަވެސް އެއީ ހަފުތާތަކެއް މައްސަރުތަކެއްގެ ތެރޭގައި ވެސް ވާނެ ކަމެއް ނޫން ކަމަށެވެ.
"...މުޖުތަމައެއްގައި ޑިމޮކްރެޓިކް ބަދަލުތަކެއް ދަމަހައްޓަން އެންމެ މަދުވެގެން ޖީލުތަކެއް ހޭދަވޭ،" އޭނާ ވިދާޅުވިއެވެ.
ދުންޔާ ވިދާޅުވީ، އެހިސާބަށް ވާސިލުވުމަށް ހިތްވަރު ދިނުމާއި މަގު އަލިކޮށްދިނުމަށް ބޭނުންވާ ކަމަށެވެ. އަދި އެމަގުގައި ފުރައްސާރައާއި ކުރިމަތިލާން ރާއްޖޭން ބޭނުން ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
"... އަހަރެމެން މިއެދޭހާ ވެސް ކަމަކީ ދިވެހި ރައްޔިތުންނަށް ފުރުސަތެއް ދިނުން. އަހަރެމެންނަށް ޖާގަ ދިނުން. އަހަރެމެންގެ ޖާގައި ގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުން،" ދުންޔާ ވިދާޅުވިއެވެ.