މިދިޔަ އަހަރުން ފެށިގެން ބާސްކެޓް ބޯލް އެސޯސިއޭޝަނުން ބާއްވަމުން އަންނަ އެމްބީއޭ ކަޕްގެ ފުރަތަމަ މެޗުގައި ޓީރެކްސް ސްޕޯޓްސް އެކަޑަމީއާ ދެކޮޅަށް ހަރިކޭން ބީސީ ނިކުންނަން ޖެހިއްޖެއެވެ.

މިއަދު ހަވީރު އެމްބީއޭ އޮފީހުގައި އެ މުބާރާތުގެ ގުރުލުން ބޭއްވި އިރު އަންހެން އަދި ފިރިހެން ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގައި ފިރިހެން 12 ޓީމް ވަނީ ބައިވެރިވެފައެވެ. އަދި އަންހެން ހަތަރު ޓީމް ވަނީ ބައިވެރިވެފައެވެ.

މިމަހުގެ ހަ ވަނަ ދުވަހުން 27 ގެ ނިޔަލަށް ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓްގައި ކުރިއަށްދާ އެ މުބާރާތުގައި އަންހެން ޑިވިޝަނުން ބައިވެރިވި ޓީމް ތަކަކީ ޓީއެސްއޭ އާއި ހަރިކޭން ބީސީ އާއި އެންމެ ފަހުގެ ރަނަރަޕް މައްޗަންގޯޅި ވިމެން ޔޫތު ރެކްރިއޭޝަން ކުލަބުގެ އިތުރުން ޗެމްޕިއަން ދަ ގޭންގެވެ.

ހަތަރު ޓީމް ވާދަކުރާ އަންހެން ޑިވިޝަންގެ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެއްބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

ފިރިހެން ޑިވިޝަންގައި 12 ޓީމް ބައިވެރިވެފައިވާ އިރު އެއްވަނަ ޑިވިޝަންގައި ވާދަކުރަނީ ހަރިކޭން ބީސީ އާއި ދިވެހި ސިފައިންގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން ޓީރެކްސް އާއި ރަނަރަޕް ރެޑްލައިން ކުލަބެވެ.

ފިރިހެން ދެވަނަ ޑިވިޝަން ދެ ގޫރޫޕަކަށް ބަހާލާފައިވާއިރު ގުރޫޕް އެކެއްގައި ހެމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އެލްޓީ ސްޕޯޓްސް ކުލަބާއި ޔޫތް އެލައިންސް އާއި އެލް ކިއު ސްޕޯޓްސް ކުލަބްގެ އިތުރުން ސްޓިންގާސް ބީސީ އެވެ.

ގުރޫޕް ދޭއްގައި ހެމެނޭ ހަތަރު ޓީމަކީ އެންމެ ފަހުގެ ރަނަރަޕް ދަ ބައުސް ސްޕޯޓްސް ކުލަބާއި ޔޫއެން ފްރެންޑްސް އާއި މާދިޚް ޝާހް ހެލްޕިން ހޭންޑް ސްޕޯޓްސް ކުލަބުގެ އިތުރުން ވިޔެންސާއެވެ.

ދެވަނަ ޑިވިޝަންގެ ކުޅުން ދެބުރަކަށް ކުރިއަށްދާ އިރު ފުރަތަމަ ބުރުގެ ގުރޫޕް އެކެއްގެ އެއްވަނަ ޓީމް ގުރޫޕް ދޭއްގެ ދެވަނަ ޓީމާއި ކުޅެންޖެހޭއިރު ގުރޫޕް އެކެއްގެ ދެވަނަ ޓީމް ބައްދަލު ކުރަން ޖެހޭނީ ގުރޫޕް ދޭއްގެ އެއްވަނަ ޓީމާއެވެ. ފައިނަލްގައި ބައްދަލު ކުރާނީ އެ ދެމެޗުން މޮޅުވާ ދެ ޓީމެވެ.