ކޮންމެ ފަރުދެއްގެ ހައްގު ރައްކާތެރިކޮށްދޭ ޑިމޮކްރަޓިކް ގައުމަކަށް މި ސަރުކާރުން ރާއްޖެ ބަދަލުކުރާނެ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.

ސްވިޒަލޭންޑްގެ ޖެނީވާގައި މިރޭ ބޭއްވި ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްގެ 31 ވަނަ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ، ކުރިއަރާފައިވާ ޑިމޮކްރަސީއަކަށް ރާއްޖެ ބަދަލުކުރައްވާނެ ކަމަށެވެ.

"... އަހަރެމެން އިންޝާ ﷲ ކުރިއަރާފައިވާ ޑިމޮކްރަސީއަކަށް ދިވެހި ރާއްޖެ ބަދަލުކުރާނަން. ކޮންމެ ފަރުދެއްގެ ހައްގުތައް ރައްކާތެރި ކުރާ ޑިމޮކްރަސީއަކަށް. އިންސާނީ ތަރައްގީ ދަމަހައްޓާ ޑިމޮކްރަސީއަކަށް. ކުރިއެރުމަށް ފުރުސަތުދޭ ޑިމޮކްރަސީއަކަށް،" ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ދެން ވިދާޅުވީ، އެހެން ނަމަވެސް އެއީ ހަފުތާތަކެއް މައްސަރުތަކެއްގެ ތެރޭގައި ވެސް ވާނެ ކަމެއް ނޫން ކަމަށެވެ.

"...މުޖުތަމައެއްގައި ޑިމޮކްރެޓިކް ބަދަލުތަކެއް ދަމަހައްޓަން އެންމެ މަދުވެގެން ޖީލުތަކެއް ހޭދަވޭ،" އޭނާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ، އެހިސާބަށް ވާސިލުވުމަށް ހިތްވަރު ދިނުމާއި މަގު އަލިކޮށްދިނުމަށް ބޭނުންވާ ކަމަށެވެ. އަދި އެމަގުގައި ފުރައްސާރައާއި ކުރިމަތިލާން ރާއްޖޭން ބޭނުން ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

"... އަހަރެމެން މިއެދޭހާ ވެސް ކަމަކީ ދިވެހި ރައްޔިތުންނަށް ފުރުސަތެއް ދިނުން. އަހަރެމެންނަށް ޖާގަ ދިނުން. އަހަރެމެންގެ ޖާގައި ގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުން،" ދުންޔާ ވިދާޅުވިއެވެ.