ދައުލަތުން ހަރަދުކޮށްގެން ހއ. އުތީމުގައި ހެދި ބަނދަރު ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

އުތީމު ބަނދަރު ހުޅުއްވައި ދެއްވީ، އެކަމަށް ޓަކައި އެރަށު ބަނދަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އުތީމުގެ ބަނދަރުގެ މަސައްކަތް 25 މިލިޔަން ރުފިޔާގެ އަގަކަށް ހެވީފޯސް ކުންފުންޏާ ހަވާލުކުރީ 2013 ވަނަ އަހަރުއެވެ.

އުތީމުގެ ދެކުނު ފަރާތުގައި ހެދި އެ ބަނދަރަކީ 500 ފޫޓު ދިގު 250 ފޫޓު ފުޅާ މުޅިން އާ ބަނދަރެކެވެ.

އުތީމު ބަނދަރުގެ މަޝްރޫއުގައި ހިމެނުނު މުހިއްމު ބައިތަކުގެ ތެރޭގައި 254 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއް ޖެހުމާއި، 140 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން އަދި 246 މީޓަރުގެ ކޮންކްރީޓް އެއްގަމުތޮއްޓެއް ލުން ހިމެނެއެވެ.

އުތީމު ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އެރަށު ރަށު ކައުންސިލްގެ މެމްބަރުންނާއި ބައެއް ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.

އުތީމު ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ހައުސިން މިނިސްޓްރީ

ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު އުތުރަށް ކުރެއްވި ދަތުރުފުޅުގައި ހއ. ވަށަފަރަށް ވެސް މިއަދު ވަޑައިގެންނެވިއެވެ.