ކޮމަންވެލްތް މިނިސްޓްރީއަލް އެކްޝަން ގްރޫޕް (ސީމެގް) ގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމެނުމުގެ މައްސަލާގައި، ރާއްޖޭގެ ދިފާއުގައި ސީމެގް ބައްދަލުވުމުގައި އެންމެ ބޮޑަށް ބާރު އެޅީ އިންޑިއާ އާއި ޕާކިސްތާނުން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ހއ. އުތީމުގެ ބަނދަރު ހުޅުވަން މިއަދު ހަވީރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ސީމެގްގެ ބައްދަލުވުމުގައި އިންޑިއާ އާއި ޕާކިސްތާނުން ރާއްޖެއާ އެއްކޮޅަށް ވާހަކަ ދެއްކި ކަމަށެވެ. ސީމެގް އެޖެންޑާގައި ރާއްޖެ ނުހިމަނަން ފާސްވީ އެ ދެ ގައުމުން ކުރި މަސައްކަތުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމެނުމުގެ މައްސަލާގައި، އިންޑިއާގެ ބޮޑުވަޒީރާއި ޕާކިސްތާނުގެ ބޮޑުވަޒީރާ ވަރަށް ދިގުކޮށް އެމަނިކުފާނު ވާހަކަފުޅު ދައްކަވާފައިވާނެ ކަމަށް ވެސް ރައީސް ޔާމީނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަވަށްޓެރި މި ބޮޑު ދެ ބާރުގެ ސަބަބުން އެފަހަރު އަޅުގަނޑުމެންނަށް އެކަހަލަ އެއްވެސް ދަތިތަކެއް ނައިސް ސަލާމަތްވެގެން ދިޔައީ. ޝައްކެއް ވެސް ނެތް ގޮތުގައި ރައްޔިތުންގެ ފަރާތުން އަދި ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ދޭ ޝުކުރުގެ މެސެޖް މިހާރު ވަނީ ރައްދުކޮށްފައި،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރާއްޖެއާ މެދު މަޝްވަރާ ކުރުމަށް ސީމެގުން މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ލަންޑަނުގައި ބޭއްވި އެކްސްޓްރާ އޯޑިނަރީ މީޓިންގައި ރާއްޖެއަށް ވަނީ އިސްލާހު ކުރަންވީ ކަންތައްތަކެއް ހުށަހަޅާފައެވެ. އަދި އެކަންތައްތައް ކުރޭތޯ ބެލުމަށް ފަހު އަންނަ އޭޕްރިލް މަހު އޮންނަ ބައްދަލުވުމެއްގައި އަލުން މަޝްވަރާ ކުރަން ވަނީ ނިންމާފައެވެ.