01 Mar 2016, 21:22
ކެޕިޓަލް ވަން ކަޕްގެ ފޯރިގަދަ ފައިނަލުގައި މެންޗެސްޓާ ސިޓީއިން ޗެމްޕިއަންކަން ހޯދީ ޕެނަލްޓީ ޖަހައިގެން ފައިނަލްގައި ލިވަޕޫލް ބަލިކުރުމަށްފަހުއެވެ. އޭގެ ދެ ދުވަސް ފަހު އިނގިރޭސީ ޕްރިމިއާ ލީގްގައި މާދަމާ އަނެއްކާވެސް އެދެޓީމު ބައްދަލު ކުރާއިރު ލީގް ހޯދުމުގެ ފުރުސަތު ލިވަޕޫލަކަށް ނެތެވެ.
އެހެންވެ ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނީ އިނގިރޭސި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ހޯދާނެ ޓީމަކާ މެދު އޭނާ ނުވިސްނާ ކަމަށާއި އޭނާއަށް މުހިންމީ މާދަމާގެ މެޗް ކަމަށެވެ.
މިވަގުތު ލީގް ތާވަލްގެ ނުވަ ވަނައިގައި ލިވަޕޫލް އޮތް އިރު ކްލޮޕްއަށް މުހިންމީ މެން ސިޓީ އަތުން މޮޅުވެގެން ޕޮއިންޓްތާވަލުގައި އިތުރަށް ކުރިއަށް ޖެހިލުމެވެ. އެހެންވެ އޭނާގެ ވިސްނުން ހުރީ މާދާމާރޭގެ މެޗްގައި މެންސިޓީ އަތުން މޮޅުވެވޭނެ ގޮތަކާ މެދުއެވެ.
އާދިއްތަ ދުވަހު ކުޅުނު ފައިނަލްގައި ލިވަޕޫލުން ދެއްކި ކުޅުމުން މެންސިޓީއަކީ ބަލިކުރެވޭނެ ޓީމެއް ކަމަށް ކްލޮޕް ގަބޫލުކުރެއެވެ.
"އަހަރެމެން ބޭނުމީ އިތުރަށް ޕޮއިންޓް ހޯދަން. އާދިއްތަ ދުވަހުގެ މެޗުން ފެނިގެން ދިޔައީ އަހަރެމެންނަށް ސިޓީ ބަލި ކުރެވިދާނެކަން. އަހަންނެއް ނުވިސްނަން ލީގް ހޯދާނީ ކޮން ޓީމެއްތޯއެއް. ހަމައެކަނި ވިސްނާނީ މާދަމާގެ މެޗުން މޮޅުވެވޭނީ ކިހިނެއްތޯ،" ކްލޮޕް ބުންޏެވެ.
މެންސިޓީއާ ދެކޮޅަށް ނިކުންނަ މެޗްގެ ކުރިން މިއަދު ބޭއްވި ޕްރީ މެޗް ޕްރެސް ކޮންފަރެންސްގައި ލީގް ޗެމްޕިއަންކަން ހޯދާނެ ކަމަށް ބެލެވެނީ ކޮން ޓީމެއްތޯ ސުވާލު ކުރުމުން ކްލޮޕް ދިނީ މާގަޔާވާ ކަހަލަ ޖަވާބެއް ނޫނެވެ.
އޭނާ ބުނީ ލީގް ހޯދާނެ ކަމަށް ބެލެވޭ ފޭވަރިޓް ޓީމަކީ ކޮބައިކަން އޭނާ އަށް ނޭނގޭ ކަމަށާއި އަބަދުވެސް ލީގް ހޯދާނީ އެއް ވަނައިގައި އޮންނަ ޓީމު ކަމަށެވެ.
"އެއީ އަހަރެމެންނަށް މާ ޝައުގުވެރި ކަމެއް ނޫން. މިނުވެދާނެ އެންމެ ރަނގަޅު ވާހަކައަކަށް. ނަމަވެސް މިއީ ހަގީގަތް. އަހަންނަކަށް ނޭނގެ ފޭވަރިޓަކީ ކޮބައިކަމެއް. އަބަދުވެސް އެއްވަނަ ލިބޭނީ ތާވަލްގައި އެއް ވަނައިގައި އޮންނަ ޓީމަކަށް،" ކްލޮޕް ބުންޏެވެ.
މެންސިޓީގެ ކޯޗް މެނައުލް ޕްލެގްރިނީ ބުނީ ފައިނަލަށްފަހު ލިވަޕޫލް މެޗަށް ނިކުންނައިރު ގޭމް ޕްލޭން ގެންގުޅޭނީ ކިހިނެއް ކަމެއް ނޭނގޭ ކަމަށާއި ނިކުންނާނީ ބަދަލު ހިފަން ކަމަށް ވެދާނެ ކަމަށެވެ. ނަމަވެސް އެނގޭކަމަކީ މެޗް ފަސޭހަ ނުވާނެ ކަންކަމަށް މިސީޒަނަށްފަހު މެން ސިޓީ ދޫކޮށްލާ ކޯޗް ބުންޏެވެ.
ލިވަޕޫލާ މެންސިޓީ ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅޭ މެޗް ފަށާނީ ރާއްޖޭ ގަޑިން މާދަމާރޭ ދަންވަރު 1:00 ގައެވެ.