25 Apr 2011, 13:15
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލްހަމީދު މުނިސިޕަލްޓީގެ ޑިރެކްޓަރަކަށް ހުންނެވި އިރު، ތިލަފުއްޓަށް ކުނި ގެންދިޔުމަށް މާލެ ގެނެސްފައި ވަނީ ބާ އުފުއްޔެއް ނޫން ކަމަށް އެ މައްސަލައިގައި ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރި ހެކިން ބުނެފި އެވެ.
ހަމީދުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ ކުރަނީ "އުފުލި-5" ރާއްޖެ ގެނައުމުގައި ސިންގަޕޫރުގެ ކުންފުންޏަކަށް ފައިސާ ހޯދައިދިނުމަށް މަސައްކަތް ކުރެއްވި ކަމަށް ބުނެ އެވެ.
ދައުލަތުގެ ފަރާތުން ހުށަހަޅައިގެން ކޯޓަށް ހާޒިރު ކުރި ފަސް ހެކިން ވެސް ބުނެފައި ވަނީ އެ މީހުންނަކީ "އުފުލި-5" އުފެއްދި ތަނަށް ޒިޔާރަތްކޮށްފައިވާ މީހުން ކަމަށެވެ. އަދި ބުނީ އެއީ މުޅިން އާ އުޅަނދެއް ކަމަށެވެ.
އޭގެ ތެރެއިން ބައެއް ހެކިން ބުނެފައި ވަނީ އެ އުޅަނދުގައި ދަބަރުޖަހާފައި ވަނީ ދަވާދު ރަނގަޅަށް ނުލައި ހުރުމުން ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ބައެއް ހެކިން ބުނެފައި ވަނީ އެ އުޅަނދުގައި ދަބަރު ޖަހާފައި ވަނީ ކަނޑުގަދަވެ ދަވާދުތައް ކެހިގެން ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އޭގެ އިތުރުން ބުނެފައި ވަނީ އެ އުޅަނދުގައި ބަހައްޓާފައި ވަނީ މުޅިން އާ އިންޖީނެއް ކަމަށެވެ.
ކްރިމިނަލް ކޯޓަށް ހާޒިރު ކުރި ފިނޭންސް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ސާމީ އަގީލް ވިދާޅުވެފައި ވަނީ އެ އުޅަނދުގެ އަގަށް ބަދަލު ގެނެސްފައި ވަނީ އޭރުގެ ފިނޭންސް މިނިސްޓަރު ގާސިމް އިބްރާހިމް އަންގަވައިގެން ކަމަށެވެ. އަދި ކުރިން އަގަށް ބަދަލު ގެންނަން ނުޖެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް މިނިސްޓަރު ވިދާޅުވުމުން އަގަށް ބަދަލު ގެންނަން ޖެހުނީ ކަމަށް އޭނާ ޝަރީއަތުގައި ވިދާޅުވި އެވެ.
މީގެ އިތުރުން ހެއްކެއްގެ ގޮތުގައި ހާޒިރު ކުރި މުނިސިޕަލްޓީގައި ހަމީދު ހުންނެވި ޑިޕާޓްމަންޓާ މިހާރު ހަވާލު ހުންނެވި މުހައްމަދު ވަހީދު އިސްމާއިލް ވިދާޅުވީ ސިންގަޕޫރުގެ ކުންފުންޏަށް ދޭންޖެހޭ ބައެއް ފައިސާ މުނިސިޕަލްޓީން މިހާތަނަށް ވެސް ދައްކާފައިނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އޭގެ ސަބަބަކީ އުޅަނދު ރާއްޖެ ގެނައި އިރު ގެއްލުންވެފައިވާތީ ކަމަށް އޭނާ ބުންޏެވެ.
ހަމީދުގެ މައްޗަށް ޕީޖީ އޮފީހުން ކުރާ ދައުވާގައި ބުނެފައި ވަނީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް މުނިސިޕަލްޓީއަށް ގެނައި "އުފުލި-5" ގެނައުމަށް އެލްސީއަށް ހުޅުވާލުމުން، އެ އުޅަނދު ރާއްޖެ އައުމުގެ ކުރިން ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސްޕެންޓެންސެސް އޮފް ދަ ވެސެލްގައި އޭރުގެ މުނިސިޕަލްޓީގެ ޑިރެކްޓަރަކަށް ހުންނެވި ހަމީދު ސޮއި ކުރައްވާފައިވާ ކަމަށެވެ. އަދި ދައުވާގައި ބުނެފައި ވަނީ ހަމީދު އެ ލިޔުމުގައި ސޮއިކޮށްފައި ވަނީ ސިންގަޕޫރުގެ ކުންފުނިން ބުނެގެން އެ ކުންފުންޏަށް ފައިސާ ހޯދައިދިނުމަށް ކަމަށެވެ. އެހެންކަމުން އޭނާގެ މައްޗަށް ސަރުކާރުގެ މުވައްޒަފަކު ނުފޫޒު ބޭނުންކޮށްގެން ނާޖާއިރު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކުރަނީ ކަމަށް އެ ދައުވާގައި ބުނެފައިވެ އެވެ.
ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ހ.ގައި ބުނެފައި ވަނީ ސަރުކާރުގެ މުވައްޒަފަކު ނާޖާއިޒު ފައިދާއެއް ހޯދުމާއި ހޯދައިދިނުމަކީ ކުށެއް ކަމަށެވެ. އެ މާއްދާގެ ށ.ގައި ބުނެފައި ވަނީ އެފަދަ ކަމެއް ކޮށްފި މީހެއްގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށްލުން، އަރުވާލުން ނުވަތަ ގޭގައި ބަންދު ކުރުން ކަމަށެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ.ގެ ދެ ވަނަ ނަންބަރުގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް ކޮށްފި ނަމަ އޭނާ މަގާމުން ވަކިވާނެ ކަމަށެވެ.