ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ފަނޑިޔާރަކު ހައްޔަރު ކުރި މައްސަލަ ނިމިގެން ގޮސްފައި ވަނީ މާލުއިކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ވިދާޅުވެއްޖެއެވެ.

ހއ. އުތީމަށް ވަޑައިގެން އެރަށު ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ، ފަނޑިޔާރު ހައްޔަރުކުރަން އަމުރު ކުރި ޖެނެރަލުން ތިބޭނެ ކަމަށާއި އެމީހުންގެ މައްސަލަ އަލުން ބަލަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"...އަޅުގަނޑު ހިތަށް އަރާ ރައީސް ނަޝީދުގެ ވެރިކަމުގައި އޭރު އެ ހިނގައި ދިޔަ ފެބްރުއަރީ ހައެއް ހަތެއް ގައި އެހިނގައި ދިޔަ ކަންތައްތަކާއި އަދި އޭރު އަސްކަރިއްޔާ މެދުވެރިކޮށް ފުލުހުންނާއި އަސްކަރިއްޔާ މެދުވެރިކޮށް އެކުރެއްވި ކަންތައްތަކުގެ ތެރޭގައި މިހާ ލުއިކޮށް އެކަން ދާންވާނެ ބާއޭ ވެސް. ފަނޑިޔާރަކު ހިފައި ހައްޔަރުކުރީ. ގައިމު އެއަށް ކޮމާންޑް ދިން ޖެނެރަލުން ތަކެއް ވެސް ތިބޭނެ. އެމީހުންނާ ދޭތެރޭ އެއްވެސް ފިޔަވަޅެއް އެޅޭ ތަނެއް ނުފެނޭ. އަޅުގަނޑަށް ހިއެއް ނުވޭ އެހާ ލުއިކޮށް ދާން ޖެހޭނެހެނެއް،" ރައީސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ، އެކި ފެންވަރުގައި ތިބި ޖެނެރަލުން އެކަމުގައި ކަންތައްތައް ކޮށްފައިވާ ގޮތަކީ ބެލެންވާނެ ކަންތައްތައް ކަމަށާއި ދިވެހި ތާރީހުގައި އެވާހަކަ ލިޔެވޭނީ އެކަން ބެލިގެން ކަމަށެވެ.

ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ، ކުށެއް ނުކުރައްވާ ނަމަ ރައީސް ނަޝީދު އެނބުރި ރާއްޖެއަށް އަވަހަށް ވަޑައިގަންނަވަންވީ ކަމަށެވެ.

"... އެމަނިކުފާނު ކުށެއް ނުކުރައްވާ ކަމަށް ވަންޏާ އަވަހަށް ވަޑައިގަންނަވާ. މިހާރު އިނގޭ މައިބަދައިގެ އޮޕަރޭޝަނެއް ކުރައްވަން ނުޖެހޭ ކަން ވެސް. އިންޖެކްޝަނެއް ޖަހާލަން ޖެހެނީ. އިންޖެކްޝަން ޖަހައިގެން ވަޑައިގަންނަވަންވީ ނޫންތޯ؟ ވަޑައިގެން ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރައްވަންވީ. އަދި އަޅުގަނޑުމެންނާ ބައްދަލުކުރައްވައި ކަންތައްތައް އިސްލާހު ކުރަންވީ ގޮތުގެ އިރުޝާދާ ލަފާ ދެއްވަންވީ،" ޔާމީނު ވިދާޅުވިއެވެ.