ރާއްޖެއަށްވުރެ މިނިވަންކަމާއެކު ވާހަދެއްކޭނެ ދެ ވަނަ ތަނެއް މި ދުނިޔޭގައި ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ހއ. ވަށަވަރު ބަނދަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުރާ ޓްވީޓުތަކާ ގުޅިގެން އެތައް ގައުމެއްގައި ޓްވިޓާ އެކައުންޓު ބަންދުކޮށް މީހުން ހައްޔަރުކޮށްފައި އެބަ ހުރި ކަމަށެވެ.

"ދިވެހިރާއްޖެއަށްވުރެ މިނިވަންކަމާ އެކީ ވާހަކަދައްކާ ދެ ވަނަ ދައުލަތެއް އޮތްތަނެއް ވިދާޅުވޭ. ހަމަގައިމުވެސް މި ދުނިޔެއަކު ދިވެހިރާއްޖެއަށްވުރެ މިނިވަންކަމާ އެކީ ވާހަކަދައްކޭނެ އެއްވެސް ތަނެއް ނޯންނާނެ. ކިތައް ގައުމުގަތޯ ސޯޝަލް މީޑިއާގައި ކުރާ ޓްވީޓުތަކާ ގުޅިގެން ޓްވީޓާ އެކައުންޓު ބަންދުކޮށްފައި ހުރީ. ކިތައް ގައުމުގަތޯ ޓްވީޓްކުރާ މީހުން ހައްޔަރުކޮށްފަ ހުރީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީ ހިންގުމުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށާއި ރާއްޖޭގައި އޮތީ މުޅި މި ސަރަހައްދުގައި އޮތް އެންމެ ރަނގަޅު ގާނޫނުއަސާސީ ކަމަށް ގާނޫނު އަސާސީ ތަސްދީގު ކުރި އިރު ދިވެހީންނަށް ގަބޫލުކުރެވުނު ކަމަށެވެ.

ގައުމުތަކުގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް ގާނޫނީ ބާރުދޭ މުއައްސަސާތަކެއް އުފެއްދި އެންމެ ވަރުގަދަ ގާނޫނު އަސާސީއަކީ 2008 ގައި ތަންފީޒުކުރަން ފެށި ގާނޫނު އަސާސީ ކަމަށާއި ކޮރަޕްޝަން ހުއްޓުވާލާށާއި ތަންތަން އޮޑިޓްކުރުމަށް އެ ގާނޫނު އަސާސީން ވަނީ މުއައްސަސާތަކެއް އުފައްދާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިކަންކަން ކުރުމަށް އެ ހުރީ މުއައްސަސާތައް އުފައްދާފަ އެހެންވީމަ އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ ގާނޫނު އަސާސީއަށް މިދެންނެވި ނިޒާމުތަކަށް ބަލާއިރު ބޮޑެތި ބަދަލު އަންނަންޖެހޭ ކަންތައްތަކެއް ހުރި ކަމަކަށް. އެކަމަކު އަންނަންޖެހޭ ބަދަލުތަކެއް ހުރިނަމަ އެކަން އެނގިލަން ބޭނުންވޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިޔާސީ ޕާޓީތަކުން މީހުންގެ ހައްގުތަކަށާއި ޖިނާއީ ބޮޑެތި ހައްގުތަކަށް އަރައި ނުގަތުމަށް ބާރުއަޅައި ދޭން އެބަޖެހޭ ކަމަށެވެ. ހަމައެންމެ މީހުންގެ މުދަލާއި މީހުންގެ ގެދޮރު ރައްކާތެރިވާންޖެހޭނެކަން ސިޔާސީ ޕާޓީތަކުން ބާރުއަޅަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ސިޔާސީ އެއްވުންތަކުގެ ނަތީޖާއަކީ އެއްގޮތަކަށް ވެސް ގޮތަކަށް ފުލުހުންނަށް ބައްދަލުކުރަން ނުކެރޭވަރުގެ ނުރައްކާތެރި ކަންތައްތަކެއް އެކުލެވިގެން ކުރާ ކަންކަން ނުވުމުގެ ކަށަވަރުކަން އަޅުގަނޑަށް އެބަ ލިބެންޖެހޭ. މިނިވަންކަމާ އެކީ ސުލްހަވެރިކަމާ އެކީ މަސްލަހަތައް ލޯބިކުރާ ބަޔަކު، އެމީހުންގެ އިހްތިޖާޖުގެ އަޑުތައް އިއްވަން ނުކުންނަ ބަޔަކު، ތަންތަން ހަލާކުކޮށް ތަންތަން ރޫޅައި އަދި މީހުންނަށް ގެއްލުންދޭން މިކުރާ ކަންތައްތަކުގައި މިނޫން ގޮތަކަށް މިންތައްތައް ކުރެވޭނެ ގޮތުގެ ފޯމިއުލާ މާދަމާ އަޅުގަނޑު ބޭނުން މިބޭފުޅުން އަރިހު އަނހާލަން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމާއި ވާހަކަދެއްކުމުގެ މިނިވަންކަން ނެތް ކަމަށް ބުނިނަމަވެސް އަދި ގާނޫނާއި ޝަރީއަތުން ބޭރުން މީހުން ހައްޔަރުކުރާ ކަމަށް ބުންޏަސް ރައްޔިތުން އެކަން ގަބޫލެއް ނުކުރާނެ ކަމަށެވެ.

"އެއްވެސް މީހަކު ކުރި ކަމަކުން ފިޔަވައި ހައްޔަރުވާކަށް ނުޖެހޭނެ ދިވެހިރާއްޖޭގައި،" ރައީސް ވިދާޅުވިއެވެ.

"ސިޔާސީ މީހުން ސިޔާސީ ވާހަކަ ދައްކަންވީ، މޭޒު ކައިރިއަށް އަންނަންވީ. ޖަދަލު ކުރަންވީ. ބަހުސް ކުރަންވީ. ފޮތް ލިޔަންވީ. ޗާޕުކުރަންވީ. އެ މީހުންގެ ޚިޔާލުތައް އެކަންކަން ބަލައިގަތުމުގެ ހިތްވަރު އަޅުގަނޑުމެންގެ ސަރުކާރުގައި އެބަހުރި،"