01 Mar 2016, 16:52
ފިނޭންސް މިނިސްޓްރީގެ ބިމުގައި އަލަށް ހަދާ 25 ބުރީގެ އިމާރާތުގެ މަސައްކަތް މެލޭޝިއާގެ ކުންފުއްޏަކާ ހަވާލުކޮށްފި އެވެ.
މެލޭޝިއާގެ ކުންފުއްޏެއް ކަމަށްވާ "ޑަބްލިޔް ޒެޑް އާރު ޕުރޮޕަޓީ"އާ އެ މަސައްކަތް ހަވާލުކުރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ހަފްލާއެއްގައި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ. އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ދާތޯ އަހުމަދު ބިން ކަސާނީއެވެ.

އިމާރާތް ހަވާުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
ފިނޭންސް މިނިސްޓްރީ މިހާރު ހުރި ބިމުގައި 25 ބުރިއަށް ހަދާ 32500 އަކަފޫޓުގެ އެ އިމާރާތަކީ ކޮންޓެކްޓަރު ފައިނޭންސްކުރާ ގޮތަށް އިމާރާތްކުރާ 123 މިލިއަން ޑޮލަރުގެ އިމާރާތެކެވެ. އެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައި ވަނީ 36 މަސް ނުވަތަ ތިން އަހަރު ތެރޭގަ އެވެ.
އެ ހަފްލާގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވީ ކޮންޓެކްޓަރު ފައިނޭންސް ކުރާ ގޮތަށް އިމާރާތްކުރާ އެ އިމާރާތައް ސަރުކާރުން އެކޮންޓެކްޓަރަށް ފައިސާ ދެއްކުމަށް 23 އަހަރު ލިބޭ ކަމަށެވެ. ސަރުކާރުން އެފަރާތައް ފައިސާ ދައްކާނީ އެ އިމާރާތުން ސަރުކާރަށް ލިބޭފައިސާއިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މި އިމާރާތަކީ ލިބޭ އެއްޗަކުން ދެކޮޅު ޖެއްސޭނެ އިމާރާތެއް، އިމާރާތައް ފައިނޭންސް ކުރަނީ ކޮންޓެކްޓަރު،" މިނިސްޓަރު ވިދާޅުވިއެވެ. "މި އިމާރާތަކީ ވަރަށް ގިނަ ކަންތައްތަކަކަށް ހައްލު ލިބިގެންދާނެ އިމާރާތެއް."
މިނިސްޓަރު ވިދާޅުވީ އެ އިމާރާތުގައި ނަމާދު ކުރާނެ ތަންތަނާއި ޖަލްސާ ކުރާނެ ތަންތަނުގެ އިތުރުން ރެސްޓޯރެންޓާއި ފެން ރައްކާ ކުރެވޭ 36 ކިއުބިކް މީޓަރު ގެ ޖާގައެއް ކަނޑައަޅާފައިވާ ކަމަށެވެ. އޭގެ އިތުރުން ޕާކިން ޒޯންތަކެއް ވެސް އެ އިމާރާތުގައި ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޖިހާދު މިއަދުގެ ހަފްލާގައި ވާަހަކަ ދައްކަވަނީ-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
އެ އިމާރާތާއެކު އޮފީސްތައް ހިންގުމަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ހައްލުލިބި މުވައްޒަފުންގެ ޝަކުވާތައް ނިމުމަކަށް ގެނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީގެ ބިމުގައި އަޅަން ހަވާލުކުރި އެއިމަރާތަކީ ވަރަށް ދިގުލައިގެންގޮސްފައިވާ މަސައްކަތެކެވެ.