01 Mar 2016, 15:58
އަދުލުއިންސާފުގެ ނިޒާމުގައި ހިނގާ ކަންތައްތަކާ ބެހުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ޖާގަދީގެންވާނެ ކަމެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ހއ. ވަށަފަރު ބަނދަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަދުލުއިންސާފުގެ ނިޒާމާ ބެހުމަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކުން އެމަނިކުފާނަށް ކުރުމަށް ޖާގަ ވެސް އޮންނަ ކަމެއް ނޫން ކަމަށެވެ.
"އަދި ގަބޫލުކުރަންވާނެ. އެޕްރިޝިއޭޓް ކުރަންވާނެ. އަދުލުއިންސާފުގެ ދާއިރާއިން އެކުރާ ކަންތައްތަކަށް ރައީސް ބެހުމަކީ ރައީސަށް ޖާގަދީގެންވާނެ ކަމެއް ނޫން. އަޅުގަނޑަކަށް ކުރާކަށް ގާނޫނު އަސާސީއާ ގާނޫނުތަކުން ޖާގަ ލިބޭ ކަމެއް ނޫން. އަޅުގަނޑު ކުރާ ހިތްވާކަމެއް ވެސް ނޫން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޖިނާއީ ކުށްތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ އެކި މީހުންނަށް ރައީސުލްޖުމްހޫރިއްޔާ ވަކިގޮތެއް ހެދުމަށް ބައެއް ފަރާތްތަކުން ވިދާޅުވަމުން ގެންދަވާ ކަމަށާއި ނަމަވެސް އެކަމުގައި އެމަނިކުފާނަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެން އެނދިގެން ނޫންތޯ ތިންބާރު ވަކިކުރީ. އަޅުގަނޑުމެން ބޭނުންވަނީ ތަހުޒީބީ މިޒަމާނުގެ ދިވެހިރާއްޖެއަކަށް މިގައުމު ހަދަން. ޑިމޮކްރެސީ ދިވެހިރާއްޖެއަށް ހަދައި، ޑިމޮކްރެސީގަ ހުރި އަސާސްތައް އެހެރީ ގާނޫނު އަސާސީގަ ލިޔެދީފަ. ބާރުތައް ވަކިކޮށް ހިންގާނެ ވެރިކަމުގެ ނިޒާމެއް އެއޮތީ ގާއިމްކޮށްދީފަ،" ރައީސް ވިދާޅުވިއެވެ.
އެހެން މުއައްސަސާތަކުގައި ހުންނަ މައްސަލަތަކުގެ ތެރެއަށް ސަރުކާރުން ނުވަދެ، އެކަންކަން ބެލޭނެ ނިޒާމްތަކެއް ގާނޫނު އަސާސީގައި އެކަށައަޅައިދީފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަކީ އަޅުގަނޑުމެންގެ ތެރޭގައި ހުރި އުސޫލުތައް ދަމަހައްޓަންހުރި މީހެއް ކަމަށާއި މާދަމާ ސަރުކާރާއެކު މަޝްވަރާކުރާ ޕާޓީތަކުން އެޕާޓީއެއްގެ ވެރިކަމުގައި ޝަރުއީ ދާއިރާގެ ކަންކަމާ ނުބެހޭ ކަމަށް ބުނަންޖެހޭނެ ކަމަށެވެ.
"އަޅުގަނޑު ކައިރީ ވިދާޅުވެދެއްވަންވީ އަދުލުއިންސާފުގެ ދާއިރާއާ ނުބެހި މިނިވަންކަމާއެކީ ދޫކޮށްލާށޭ. އަޅުގަނޑު ކައިރީ ވިދާޅުވެދެއްވަންވީ ތިމަންނަމެން ބެހުނު ބެހުމުގެ ތެރޭގައި ސުޕްރީމް ކޯޓުގައި ތަޅެއް ނާޅުވަމޭ. ތިމަންނަމެން ބެހުނު ބެހުމުގެ ތެރޭގައި ފަނޑިޔާރުން ހައްޔަރެއް ނުކުރަމޭ،" ރައީސް ވިދާޅުވިއެވެ.
ކޮރަޕްޝަންގެ ވާހަކަވެސް ދައްކަންވީ ކަމަށާއި މާދަމާ ސަރުކާރާއެކު މަޝްވަރާކުރާއިރު ވަކި ކުލައަކަށް ބެލުމެއް ނެތި ރާއްޖޭގައި ހުރި ކޮރަޕްޝަންގެ ހުރިހާ ބޮޑެތި މައްސަލަތަކެއް ތަހުގީގުކޮށް އެންމެންގެ މައްސަލަތައް ޝަރީއަތަށް ފޮނުވަން އެމަނިކުފާނު ކައިރީ ބުނަންޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"އެހެންވީމަ ކަރަޕްޝަން ފިލުވަން ބޭނުންކަމަށްވަންޏާ ރައީސް ޔާމީން މިހިރީ ރާއްޖެއިން ކަރަޕްޝަން ފިލުވަން ހަމަ އަތުކުރި އޮޅާލައިގެން،" ރައީސް ވިދާޅުވިއެވެ.