ރިސޯޓްތަކާއި ޓޫރިސްޓް ހޮޓާ ތަކާއި ގެސްޓު ހައުސްތަކުގައި، ފުލުހުން ގަބޫލު ކުރާ ފެންވަރުގެ ސެކިއުރިޓީ ނިޒާމެއް ގާއިމް ކުރަންޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައެޅުމަށް، ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހްގެ ބަހުސް ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ހުށަހަޅުއްވަމުން ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހްލޫފު ވިދާޅުވީ، އެ އިސްލާހް ހުށަހެޅުއްވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވައްކަން ކުރުމާއި ފޭރުން އިންތިހާއަށް އިތުރުވެގެން ގޮސް، ރިސޯޓް ތަކަށް އަރައި، ވައްކަން ކުރުމުގެ ހާދިސާތަކެއް ހިންގާފައި ވުމުގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީ ހަލާކުވެގެން ގޮސްދާނެތީ އެކަމަށް ހައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުން ކަމަށެވެ.

"އަދި އެފަދަ ވައްކަމުގެ އަމަލެއް ހިންގަން ރިސޯޓަކަށް އަރައި ބަޔަކު ހިންގާ ނުރައްކާތެރި އަމަލެއްގެ ސަބަބުން ޓޫރުސްޓަކަށް ގެއްލުންވެ، އެފަދަ ކަންތަކާ ބެހޭ މައުލޫމާތު. އެހެން ގައުމުތަކަށް ހާމަވެއްޖެ ނަމަ ރާއްޖޭގެ އިގްތިސާދަށް އެންމެ ގިނަ ފައިސާ ލިބެމުންދާ ޓޫރިޒަމް ހަލާކުވެގެން ދާނެ. ރަންބިސްއަޅާ ކުކުޅު ހަލާކުވެގެންދާނެ. އަދި ސޯމާލިޔާ މީހުން ރާއްޖޭގެ ރަޢްރަށަށް ލައްގަމުންދާއިރު ވެސް މިފަދަ ފިޔަވަޅެއް އެޅުމްކީ މުހިއްމުކަމެއް،" މަހްލޫފު ވިދާޅުވި އެވެ.

މަހްލޫފު ހުށަހަޅުއްވި އިސްލާހް ގައި ވަނީ، ޓޫރިސްޓު ރިސޯޓް ތަކާއި ޓޫރިސްޓް ހޮޓާ ތަކާއި އަދި ޓޫރުސްޓް ގެސްޓު ހައުސްތަކުގައި، މޯލްޑިވްސް ޕޮލިސް ސާވިސް އިން ގަބޫލު ކުރާ ފެންވަރުގެ ސެކިއުރިޓީ ނިޒާމެއް ގާއިމް ކުރަންވާނެ ކަމަށެވެ. އަދި މަދުވެގެން އަހަރަކު އެއްފަހަރު ފުލުހުން ސުޕަވައިޒް ކުރަންވާނެ ކަމަށްވެސް އެ އިސްލާހް ގައި ވެ އެވެ.

އެ ބިލަށް ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވީ އެ ބިލަކީ މުހިއްމު ބިލެއް ކަމަށެވެ. ނަމަވެސް ބިލަށް ގެންނަންޖެހޭ އިސްލާހްތައް ހުރުމުން ބިލު މަޖިލީހަށް ބަލައިގަނެއް ކޮމިޓީއަކަށް ފޮނުވައިގެން ބިލް އިސްލާހް ކުރުން މުހިއްމު ކަމަށް ވެސް މެންބަރުން ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ހުޅުހެންވާރު ދާއިރާގެ ރީކޯ މޫސާ މަނިކު ވިދާޅުވީ، މަހްލޫފު ހުށަހެޅުއްވި ބިލަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ.