އިދިކޮޅު ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރަނީ ގައުމު ކުރިއެރުވުމުގެ ބަދަލުގައި ގައުމު ފަނާކުރުމަށް ކަމަށް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހއ. ވަށަފަރު ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޑިމޮކްރަސީ ކުރިއަރާފައިވާ އަދި ކުރި އަރަމުން އަންނަ އެހެން ގައުމުތަކުގައި، އިދިކޮޅު ފަރާތްތަކަކީ ޒިންމާދާރު ކަމާއެކު ގައުމު ބިނާކޮށް ތަރައްގީ ކުރުމުގައި ބައިވެރިވާ ބައެއް ކަމަށާއި ނަމަވެސް ރާއްޖޭގައި ކަން އޮތީ އެ އުސޫލުން ނޫން ކަމަށެވެ.

އެގޮތުން ރައްޔިތުންނާ ގައުމުގެ ތަރައްގީއަށް ސަރުކާރުން ކުރާ އެއްވެސް ކަމެއްގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ނުދައްކާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގައި މި ފެންނަނީ ޒިންމާދާރު ކަމެއް ނެތި ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ދެކެވި ކަންތައްތަކެއް ކުރެވެމުން ދާތަން. ގައުމުގެ މަސްލަހަތު ނަގާލުމަށް ގައުމާ މެދުގައި އެއްވެސް ވިސްނުމެއްނެތި ކަންތައްތަކެއް ކުރެވެމުން ދާތަން. ރާއްޖެއިން ބޭރުގައި އަދި ރާއްޖޭގެ އެތެރޭގައި ތިބެގެން ގައުމިއްޔަތާ އިސްލާމްދީނާ ގުޅިފައިވާ ކަން ކަމަށް ވެސް އެއްވެސް ބެލުމެއް ނެތި ގައުމު ފަނާ ކުރުމަށް ކަންކަން ކުރަމުން ދާކަން. މިއީ ހަގީގަތަކީ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ އެންމެ ޒިންމާދާރުކަން ކުޑަ އެއް ވާހަކައަކީ ސަރުކާރުން އަތޮޅު ތެރޭގެ ތަރައްގީއަށް އިސްކަން ނުދީ ހަމައެކަނި މާލެ ތަރައްގީ ކުރާ ކަމަށް ބުނެ ދައްކާ ވާހަކަ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ސިޔާސަތަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު، އެންމެ އަވަސް ކަމާއެކު ތަރައްގީއާ ކުރިއެރުން ގެނެސްދިނުން ކަމަށެވެ.

"މިއަދުގެ މި މަޝްރޫއުއިން ވެސް އެނގިގެން އެބަ ދޭ ރާއްޖޭގެ އެކި ކަންކޮޅުތަކަށް، ތަފާތު ކުރުމެއް ނެތި އުތުރުން ދެކުނަށް ހުރިހާ ރަށްތަކެއް ހިމެނޭ ގޮތަށް، ދިވެހި ރައްޔިތުންނަކީ ހަމަހަމަ ބައެއްކަމުގެ ވަރުގަދަ މިސާލު، އެ އަސާސުގެ މަތީގައި އެ ސިޔާސަތުގެ މަތީގައި ރަޢީސް ޔާމީން ރާއްޖޭގެ ހުރިހާ ރަށަކަށް ތަރައްގީ ގެނެސްދެއްވަމުން ދާކަން،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކުރަނީ ގައުމަށް އަންނަ ތަރައްގީގެ ސަބަބުން ކަމަށެވެ.

އޭގެ އިތުރުން މި ސަރުކާރަކީ ކޮރަޕްޝަނާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރާ ސަރުކާރު ކަމަށާއި، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ވެސް ރައީސް އިސްނަންގަވައިގެން ބަލަމުން ދިއުމުން އެކަން އެނގިގެންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލަން ދައްކާ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނެތް ކަމަށެވެ.