01 Mar 2016, 16:44
ސިއްހީ އަދި އިޖުތިމާއި ދުޅަހެޔޮކަން އިތުރު ކުރުމަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދިވެހި ރެޑްކްރެސެންޓާއި ޔުނިވާސަލް ފައުންޑޭޝަން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ޔުނިވާސަލް އެންޓަޕްރައިސަސްގެ މައި އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ރެޑްކްރެސެންޓުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރެޑްކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް ރައްޒާގު އިބްރާހީމެވެ. ޔުނިވާސަލް ފައުންޑޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ފައުންޑޭޝަންގެ ރައީސް އިޔާޒު ވަހީދެވެ.
ރެޑްކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް ރައްޒާގު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން މިއަހަރު ތެރޭގައި ދިވެހި ރެޑްކްރެސެންޓުގެ ހަތަރު ގޮތްޕެއްގައި، އެއްވެސް އަގެއް ނުނަގާ ބަލި މީހުން ބެލުމާއި ޓެސްޓުތައް ހެދުމާއި އަދި އެކިއެކި ބަލިތަކާ ގުޅޭ ގޮތުން އާންމު މައުލޫމާތު ފޯރުކޮށްދިނުމަށް ހެލްތު ކޭމްޕްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިވާ ކަމަށެވެ.
އޭގެ އިތުރުން ރެޑް ކްރެސެންޓުން މާލޭގައި މިހާރުވެސް ދެމުންގެންދާ ބަލިމީހުން އުފުލައިދިނުމުގެ ހިދުމަތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިޔުމަށް ޔުނިވާސަލް ފައުންޑޭޝަން އިން އެހީތެރިކަން ފޯރުކޮށް ދިނުމަށް ވެސް އެއްބަސްވެފައިވެ އެވެ. އެއީ އައިއެފްއާރުސީގެ ސުނާމީ ރެސިޑިއުލް ފަންޑުން ހަރަކާތްތަކަށް ހަރަދުކުރުން ނިންމާލުމަށްފަހު ރާއްޖެއިން ވަސީލަތްތައް ހޯދައިގެން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ދިވެހި ރެޑް ކްރެސެންޓުން ހެދި އެފަދަ ފުރަތަމަ އެއްބަސްވުމެވެ.
ދިވެހި ރެޑް ކްރެސެންޓުގެ ހަތަރު ގޮތްޕެއް ނިސްބަތްވާ އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ މަޝްވަރާގެ މަތިން މި ވަގުތަށް އެ އަތޮޅުތަކަށް އެންމެ މުހިންމު ސްޕެޝަލިސްޓް ޑޮކްޓަރުން ރާއްޖެއިން ބޭރުން ގެނެސްގެން ހިންގުމަށް ހަމަޖެހިފައިވާ އެ ހެލްތު ކޭމްޕްތަކުގެ ފުރަތަމަ ބުރު އަންނަ މާޗު މަހުގެ މެދުތެރޭގައި ފުވައްމުލަކުގައި ކުރިއަށް ގެންދާނެ ކަމަށް އެ ޖަމިއްޔާއިން މައުލޫމާތުދެ އެވެ.
އޭގެ އިތުރުން އެ އެއްބަސްވުމުގެ ދަށުން ކާރިސާތަކުގެ ވަގުތުތަކުގައި ޔުނިވާސަލް އެންޓަޕްރައިސަސްގެ މުވައްޒަފުންނަށް ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިންގެ ގޮތުގައި ހަރަކާތްތެރިވުމަށް ފުރިސަތު ތަނަވަސްކޮށްދިނުމާއި ޔުނިވާސަލް އެންޓަޕްރައިސަސްގެ އެމަޖެންސީ އޮޕަރޭޝަންސް ޕްލޭން ތައްޔާރުކުރުމަށް ދިވެހި ރެޑް ކްރެސެންޓުގެ ފަންނީ ލަފާ ހޯދުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.