01 Mar 2016, 15:22
ނިއުރޭޑިއަންޓުގެ ޑިފެންޑަރު އަދި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ރިލްވާން ވަހީދު (ރިލޭ)ގެ މައްޗަށް ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގެ ދައުވާ އާއި އޮރިޔާން ކާޑު އުފައްދައި ގެންގުޅުނުކަމުގެ ދައުވާ ދައުލަތުން އުފުލައިފި އެވެ.
ދައުލަތުން ރިލްވާންގެ މައްޗަށް އެ ދެ ދައުވާ އުފުލާފައި ވަނީ މިދިއަ މަހުގެ އެއް ވަނަ ދުވަހު އެވެ. އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ވަނީ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފަ އެވެ. އެ ޝަރީއަތަށް ރިލޭ ވަނީ ކޯޓަށް ވެސް ހާޒިރުކޮށްފަ އެވެ.
މީގެ ދެ އަހަރު ކުރިން 2014 ވަނަ އަހަރު ފުލުހުން ރިލޭ ހައްޔަރުކޮށް ފުލުސް އޮފީހަށް ހާޒިރު ކުރީ އޭނާ ކައިވެނިކުރަން އުޅުނު އަންހެން ކުއްޖާ ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ބެލެވޭ ގޮތުން ދައުލަތުން ރިލޭގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އެ މައްސަލައާ ގުޅިގެންނެވެ.