01 Mar 2016, 14:22
ޕޭމަންޓް ސިސްޓަމްތަކާ ބެހޭ ބިލުގެ ނަމުގައި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި ބިލް މަޖިލީހަށް ބަލައިގެންފި އެވެ.
އެި ބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްވީ 52 މެމްބަރުންގެ ތާއީދާ އެކު އެވެ. ބިލާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.
ރިޔާޒު ރަޝީދު ހުށަހެޅުއްވި އެ ބިލަކީ ރާއްޖޭގައި ހިންގާ ޕޭމަންޓް ސިސްޓަމްތަކާއި ސިކެއުރިޓީސް ސެޓުލްމަންޓް ސިސްޓަމްތަކާއި ކްލިޔަރިން ހައުސްތަކާއި ޕޭމަންޓް ސްކީމްތަކަށް ފައިނޭންސް ދޫކުރުމާއި ބެހޭ އުސޫލްތަކާއި ސިސްޓަމްތައް ރެގިއުލޭޓްކޮށް ސުޕަވައިޒް ކުރުމާއި ރައްކާތެރި އަދި ހަރުދަނާ ގޮތެއްގައި ސިސްޓަމްތައް ހިންގުމަށްޓަކައި އަމަލު ކުރަންޖެހޭ އުސޫލްތައް ގާއިމް ކުރުމެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ޑްރާފްޓް ކޮށްފައިވާ ބިލުގައި ބުނެފައި ވަނީ އެމްއެމްއޭ އިން ދޫކުރާ ލައިސަންސްއެއް ލިބިގެން ނޫނީ އެއްވެސް މީހަކަށް ނުވަތަ ގާނޫނީ ޝަހަސަކަށް ރާއްޖޭގައި ސިސްޓަމެއް ނުހިންގޭނެ ކަމަށެވެ.
އަދި ސިސްޓަމެއް ހިންގަން ލައިސަންސް ދޫކުރާ ތާރީހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި ސިސްޓަމް އޮޕަރޭޓް ކުރަން ނުފަށައިފިނަމަ، ނުވަތަ އެއް މަސް ވަންދެން ސިސްޓަމް ހިންގުން ހުއްޓާލާފައިވާނަމަ ލައިސަންސް ބާތިލްވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެ އެވެ.
ބިލުގައިވާ ގޮތުން މިބިލް ގާނޫނަކަށްވެ އަމަލުކުރަން ފެށުމުން އެ ގާނޫނާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ އަދަބު ކަނޑައެޅުމުގެ ބާރު ލިބިގެންވެ އެވެ.
މިއަދު ހެނދުނުގެ ދަންފަޅީގައި ބިލަށް ބަހުސް ކުރުމަށް ހުޅުވާލި ފުުރުސަތުގައި ބިލަށް ބަހުސް ކުރެއްވީ ހަތަރު މެމްބަރުންނެވެ. އެ ހަތަރު މެމްބަރުންވެސް ވަނީ ބިލަކީ މުހިންމު ބިލެއް ކަމަށް ވިދާޅުވެފަ އެވެ.