01 Mar 2016, 14:24
ހއ. ވަށަފަރުގައި ސަރުކާރުން ގާއިމްކޮށްފައިވާ ބަނދަރު މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
ވަށަފަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ބަނދަރު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
އެ ބަނދަރަކީ 2013 ވަނަ އަހަރު ސަރުކާރުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ.
ދިގުމިނުގައި 500 ފޫޓު އަދި ފުޅާމިނުގައި 250 ފޫޓު ހުންނަ އެ ބަނދަރަކީ ޖުމްލަ 47.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކޮށްފައިވާ ބަނދަރެކެވެ.
ބަނދަރު ކަނޑައަޅާފައިވާ މުއްދަތުގައި ނިންމާފައިވާ އިރު، ބަނދަރުގެ މަސައްކަތުގެ އިތުރުން އެމްޓީސީސީގެ ސީއެސްއާރުގެ ދަށުން އެ ކުންފުނިން ވަނީ ވަށަފަރު ގިނަ ކަންތައްތަކެއް ކޮށްދީފަ އެވެ.