01 Mar 2016, 13:53
ސަރުކާރުން އިސްނަގައިގެން ސިޔާސީ ޕާޓީތަކުގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތައް މާދަމާ ރޭ ފެށުމަށް ނިންމާފައިވާ ކަަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް ވިދާޅުވެއްޖެ އެވެ.
މުއާޒު މިއަދު ވިދާޅުވީ މަޝްވަރާގެ ފުރަތަމަ ބައްދަލުވުން މާދަމާ ރޭ 8:30 ގައި ރައީސް އޮފީހުގައި އޮންނާނެ ކަމަށެވެ.
"Sarukaarun siyaasee party thakaa eku alun fashaa mashvaraa ge furathama baddhaluvun maadhamaa rey 8.30 gai Raees ofeehugai onnaane" -im
— Ibrahim Muaz Ali (@SpokespersonMV)March 1, 2016
މަޝްވަރާތައް މާދަމާ ފެށުމަށް ނިންމާފައި ވީނަމަވެސް، މަޝްވަރާތަކަށް ދައުވަތު ދިން ހަ ޕާޓީގެ ތެރެއިން، މަޝްވަރާއަށް މަރުހަބާ ކިޔާފައި ވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީ އިންނެވެ.
ނަމަވެސް މަޝްވަރާތަކުގައި ބައިވެރި ނުވާނެ ކަމަށް އެއްވެސް ޕާޓީއަކުން އަންގާފައި ނުވާ ކަމަށް މުއާޒު ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ ކޮންމެ ޕާޓީއަކުންވެސް މާދަމާ ރޭގެ ބައްދަލުވުމުގައި ބައިވެރިވާނެ ދެ މަންދޫބުންގެ ނަން ފޮނުވުމަށް މިހާރު އަންގާފައިވާ ކަމަށެވެ. އަދި މަޝްވަރާތައް ކުރިއަށް ދާނީ ހުރިހާ ސިޔާސީ ޕާޓީއެއްގެ މަންދޫބުންނަށް އެއް މަޖިލީހެއްގައި މަޝްވަރާ ކުރެވޭނެ ގޮތަށް ކަމަށް މުއާޒު ވިދާޅުވި އެވެ.
ޕީޕީއެމްގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާނީ ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.
ޖޭޕީގެ ފަރާތުން ބައިވެރިވާނީ އެޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ އިތުރުން ޕާޓީގެ ޕާލިމެންޓަރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒް އެވެ.
އެމްޑީޕީ އަދި އަދާލަތުން ބުނެފައި ވަނީ މިވަގުތު ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ސިޔާސީ ލީޑަރުން މިނިވަންކޮށް މަޝްވަރާއަށް އިހުލާސްތެރި މާހައުލެއް ގާއިމު ނުކުރެވެނީސް މަޝްވަރާތަކުގައި ބައިވެރިނުވާނެ ކަމަށެވެ.
ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު އަދި ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރު އެވެ.
އެ މަޝްވަރާތައް ކާމިޔާބުކަމާ އެކު ކުރިޔަށްގެންގޮސް، ރައްޔިތުންނަށް ފައިދާކުރަނިވި ފަދަ ނަތީޖާތަކެއް ހާސިލުކުރެއްވޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އުންމީދުކުރައްވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.