01 Mar 2016, 13:17
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް 10 މިލިއަން ރުފިޔާގެ ލެޑް ލައިޓު ހަދިޔާކޮށްފި އެވެ.
މިއަދު އެންވާރަމަންޓު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރާއްޖެއަށް ލެޑު ލައިޓު ހަވަލުކޮށްދެއްވީ ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ފޫކާން އެވެ. ސަރުކާރުގެ ފަރާތުން އެ ލައިޓުތަކާ ހަވަލުވެލެއްވީ އެންވަޔަރަމެންޓު މިނިސްޓަރު ތާރިގު އިބްރަހިމެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތާރިގު ވިދާޅުވީ، ރާއްޖެއިން ހަކަތަ އިސްރާފު ކުރާ މިންވަރު މަދު ކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"ސަރުކާރުގެ ދާއިރާގައި ވެސް، ވިޔަފާރީގެ ދާއިރާގައި ވެސް އަދި އަމިއްލަ ފަރުދުންގެ ތެރޭގައިވެސް... އެގޮތުން އިޓްސް ކޫލް އެޓް 25، އެއީ ވެސް ހަކަތަ މަދު ކުރުމުގެ ގޮތުން ހަކަތަ ބޭނުން ކުރާ ވަރު މަދުކޮށް އަދި އެންމެ ފައިދާ ހުރި ހަކަތަ ބޭނުން ކުރުމަށާއި ހަކަތަ ބޭނުން ކުރާ ފަރާތްތަކުން ހަކަތަ ބޭނުން ކުރާނެ ގޮތް ކިޔައިދިނުމަށް ބޭއްވުނު ކެމްޕެއިނެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޖީޑީޕީގެ 23 ޕަސެންޓު ހިއްސާ ހަރަދު ކުރަނީ ހަކަތަ އެތެރެ ކުރުމަށް ކަމަށެވެ.
"އެ އެތެރެ ކުރާ ތެޔޮ ކުޑަ ތަންކޮޅެއް ވެސް މަދުވެއްޖެ ނަމަ އަޅުގަނޑުމެންނަށް ބާކީ ކުރެވޭ ފައިސާ އަކީ ރާއްޖޭގެ ތަރައްގީއަށް ބޭނުން ކުރެވިގެންދާނެ އެއްޗަކަށް ވެގެން ދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ކޮންމެ ގެއަކަށްވެސް އެނާޖީ އެފިޝެންސީގެ ފައިދާ ލިބޭ ގޮތަށް މަސައްކަތް ކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށެވެ. އަދި މާ ލަސްތަކެއް ނުވެ އެކަންތައް ފެނިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައޅުއްވާފައި ހުންނަވާ ސަފީރު ވާންގް ފޫކާން ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ޗައިނާ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މީގެ ކުރިންވެސް 265000 ލެޑް ލައިޓު ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ.
މިއަދު ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެ އަށް ހަވާލު ކޮށްފައި ވަނީ 210،000 ލެޑު ލައިޓެވެ. އެ ލައިޓުތަކުގެ ތެރެއިން 78،750 ލައިޓު ދައުލަތުގެ މުއައްސަސާތަކަށް ބެހުމަށް ހަމަޖެހިފައިވާ އިރު 131،250 ލެޑު ބޮކި ބެހުމަށް ހަމަޖެހިފައި ވަނީ އާއްމު ރައްޔިތުންނަށް ކަމަަށް އެންވަޔަރަމެންޓު މިނިސްޓްރީން ބުންޏެވެ.