މިދިޔަ ރޯދަ މަހު މިސްރުގައި ބޭއްވި ގުރުއާން މުބާރާތެއްގައި ބޮޑެތި މީހުންނާ ވާދަކޮށްގެން ދެ ވަނަ ހޯދި ރާއްޖޭގެ އުމުރުން 12 އަހަރުގެ އަހަރުގެ ރިފްދާ މުހައްމަދު ރަޝީދު ހިމަނައިގެން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީ ފިލްމެއް އިއްޔެ އެމެރިކާގައި އަޅުވައިފި އެވެ.

އެކެޑެމީ އެވޯޑަށް ނޮމިނޭޓްވެފައިވާ އެމެރިކާގެ މޮޓޯ ޕިކްޗާސް އިން ތައްޔާރުކުރި "ގުރުއާން ބައި ހާޓް" (ގުރުއާން ހިތުދަސް) ޑޮކިއުމެންޓްރީ ފިލްމަކީ، މިދިޔަ އަހަރު މިސްރުގައި ބޭއްވި ގުރުއާން މުބާރާތާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

ހަތްދިހަ ހަތް މިނެޓުގެ އެ ފިލްމުގެ މުޅި ވާހަކަ ބިނާވެފައިވަނީ ރިފްދާގެ އިތުރުން ސެނެގޯލް އާއި ތަޖިކިސްތާނަށް ނިސްބަތްވާ ގުރުއާން ހިތުދަސް ދެ ކުޑަކުއްޖަކު އެ މުބާރާތަށް ތައްޔާރުވުމަށް ކުރި މަސައްކަތްތާއި، މޮޅުވުމަށް ކުރި ހިތްވަރަށެވެ.

އަރަބިއްޔާ ސްކޫލްގެ ގްރޭޑް 6 ގައި މިހާރު ކިޔަވަމުންދާ ރިފްދާ ވަނީ މިދިޔަ ރޯދަ މަހު މިސްރުގައި ބޭއްވި ގުރުއާން މުބާރާތުގެ އަޖަމީންގެ ބައިން ދެ ވަނަ ހޯދައި، ރާއްޖެއަށް ރީތި ނަން ހޯދައިދީފަ އެވެ. އޭނާއަށް އެއް ވަނަ ކެޓީ އެންމެ މާކްސްއެއް މަދުވެގެންނެވެ. ޕްރޮޑަކްޝަން ޓީމުން ރިފްދާ ފިލްމުގައި ބައިވެރިކުރަން ނިންމީ އެ މުބާރާތުން ރިފްދާ ފެނިގެންނެވެ.

އެޗްބީއޯ ފަދަ މަޝްހޫރު ޗެނަލްތަކަށް ޑޮކިއުމެންޓްރީތައް ޑައިރެކްޓްކޮށްދީފައިވާ ގްރެގް ބާކާ ތައްޔާރުކުރި އެ ފިލްމުގައި ރިފްދާގެ އަމިއްލަ ހާޔާތާއި، އެ މުބާރާތުގައި ބައިވެރިވުމަށް އޭނާވީ ތައްޔާރީތައް ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވެ އެވެ. ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ރާއްޖެ އައިސް ރިފްދާގެ ސްކޫލާއި، ގެއާއި އަދި އޭނާ އުފަން ރަށަށް ޒިޔާރަތްކޮށް ފިލްމުގެ މަންޒަރުތައް ނަގާފައި އެވެ.

ރިފްދާއާއި އޭނާގެ އާއިލާ ވަނީ އެ ޑޮކިއުމެންޓްރީ ޕްރިމިއާގައި ބައިވެރިވުމަށް އެމެރިކާއަށް މިދިޔަ ހަފްތާފައި ގޮސްފަ އެވެ. އެ ފިލްމް އަޅުވައިފައިވަނީ މިހާރު ކުރިއަށްދާ ޓްރިބެކާ ފިލްމް ފެސްޓިވަލްގަ އެވެ.

އެ ފިލްމުން ރިފްދާއަށް ފުރުސަތު ހޯދައިދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މުހިންމު ދައުރެއް އަދާކުރެއްވި އެވެ. ފިލްމްގެ ޕްރޮޑަކްޝަން ޓީމުން ވަނީ ރިފްދާގެ އާއިލާއާ ބައްދަލުކޮށްފައިވަނީ ވެސް އެމަނިކުފާނު އެހީތެރިކަން ލިބިގެންނެވެ.

މިދިޔަ އަހަރު މައުމޫން ފައުންޑޭޝަނުން ދިން ސްކޮލަޝިޕްތަކެއް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މައުމޫން ވިދާޅުވެފައިވަނީ، ގުރުއާން ބައި ހާޓް ފިލްމަކީ، އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގައި އިސްލާމްދީނާ ބެހޭގޮތުން މިހާރު އޮތް ތަސައްވުރެ ބަދަލު ކުރުމަށް އިސްލާމްދީނާ ބެހޭގޮތުން ތައްޔާރު ކުރާ ފިލްމެއް ކަމަށެވެ.