ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ ފީފާގެ އުމުރުން 114 އަހަރު ފުރުނު އިރު ފީފާގެ ހަޔާތުގައި މިހާތަނަށް 10 ބޭފުޅަކު ފީފާގެ ސެކެޓްޖެނަރަލްކަން ކޮށްފައިވާއިރު އެ ހުރިހާ ބޭފުޅުންންނަކީ ވެސް ޔޫރަޕަށް ނިސްބަތްވާ ބޭފުޅުންނެވެ.

ނަމަވެސް ފީފާގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ޖިއާނީ އިންފެންޓީނޯ ބޭނުންފުޅު ވަނީ ފީފާގެ ސެކްޓްރީ ޖެނަރަލް ކަން ޔޫރަޕްގެ ހަ ފޮޅުން ބޭރު މިހަކާ ހަވާލު ކުރުމަށެވެ.

ސެކެޓްރީޖެނަރަލަކީ ދުވަހުން ދުވަހަށް ފީފާ ހިންގެވުމުގައި އެންމެ އިސްކޮށް ހަރަކާތެރިވެ ވަޑައިގަންނަވާނެ މަގާމެވެ. އެއީ ފީފާގެ ރައީސްކަމުގައި ހުންނަވާ ބޭފުޅަކު އައްޔަން ކުރައްވާ މަގާމެވެ.

އިންތިޚާބު ކާމިޔާބު ކުރުމަށްފަހު، ކާމިޔާބީ އުފާ ފާޅު ކުރެއްވުމުގައި މިވަގުތު ހަރަކާތްތެރިވެ ވަޑައިގަންނަވާ އިންފެންޓީނޯގެ އެންމެ ފުރަތަމަ ނިންމުމަކީ ފީފާގެ އަމީންއާންމަކަށް އެހެން ބައްރުގެ ބޭފުޅަކު ގެނައުމެވެ.

މިދޔަ ހުކުރު ދުވަހު ބޭއްވި ފީފާގެ އިންތިޚާބަށް ކޭމްޕޭން ކުރެއްވުމަށް ލަންޑަންގައި ބޭއްވި ކެމްޕޭން އިވެންޓެއްގައި ވާހަކަ ދައްކަވަމުން އިންފެންޓީނޯ ވިދާޅުވީ އޭނާއަށް ވިސްނެނީ ފީފާގެ ސެކެޓްރީ ޖެނަރަލް މަގާމަށް ޔޫރަޕުން ބޭރު މީހަކު ގެނައުން ރަނގަޅުވާނެ ކަމަށެވެ.

"އަޅުގަނޑު ޤަބޫލު ކުރަނީ ފީފާގެ ޖެނަރަލް ސެކެޓްރީއަކަށް ވާން ޖެހޭނީ ޔޫރަޕަށް ނިސްބަތްވާ މީހެއް ނޫން ކަމަށް. ކީއެވެ އެފްރިކާއަށް ނިސްބަތް ނުވާ މީހަކު ނުގެންނަންވީ؟" ސުވާލު އުފައްދައި އިންފެންޓީނޯ ވިދާޅުވިއެވެ.

ފީފާގެ އެސްޖީއަކަށް ކެފްގެ ކުރީގެ އެސްޖީ ހިޝާމްތަ؟

އިންފެންޓީނޯ ކެމްޕޭން ވާހަކާގައި ފީފާގެ އަމީންޢާންމު ގޮނޑި އެފްރިކާއަށް ނިސްބަތްވާ ކުރައްވާ ކުރެއްވި އިޝާރާތުން ދުނިޔޭގެ ގިނަ މީޑިއާތަކުން ލަފާ ކުރާ ގޮތުގައި އިންފެޓީނޯގެ އެ އީޝާރަތުން ފީފާގެ އަމީންޢާންމުގެ މަގާމަށް އައްޔަން ކުރުމަށް ހަމަޖެހިފައި ވަނީ އެފްރިކާގެ ފުޓްބޯޅައިގެ މައި އިދާރާ (ކެފް)ގެ ސެކެޓްރީ ޖެނަރަލްކަން 2010 ވަނަ އަހަރުން 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާއި ހަމަޔަށް ވަގުތީ ގޮތުން ފުރުއްވި މޮރޮކޯގެ ހިޝާމް އަލް ޢުމްރާނީކަމެވެ.

ދެހާސް ހަތަރު ވަނަ އަހަރު ފުޓްބޯލް އެޑްމިނިސްޓރޭޝަންގެ ރޮނގުން މާސްޓާސް ހާސިލުކޮށްފައިވާ ހިޝާމްއަކީ އޭއެފްސީގެ ބައެއް މުބާރާތައް މާކޭޓް ކުރުމުގައި ވެސް ހަރަކާތްތެރިވެފައިވާ ބޭފުޅެކެވެ. އުމުރުން 36 އަހަރުގެ ހިޝާމްއަށް ވަނީ ކުޅިވަރުގެ ލީޑާ ޝިޕް ކެޓަގަރީއިން ޔަންގު ލީޑާ އެވޯޑް މިދިޔަ އަހަރު ހާސިލުކޮށްފައެވެ.

ހިޝާމް އަލް ޢުމްރާނީ. ފީފާގެ އެސްޖީ އަކަށް އައުން އެންމެ ގާތީ އޭނަ --- ފައިލް ފޮޓޯ/ ބީބީސީ

ހާސިމްއާ ބެހޭ ގޮތުން ފީފަގެ ފުޓްބޯލް އެޑްމިނިސްޓރޭޝަން މާސްޓާސް ކޯހުގައި ކިޔެވި ދަރިވަރެއް ކަމުގައިވާ މިހާރު ސްވިޒަލޭންޑްގެ ސްޕޯޓްސް ބިޒުނަސްގެ ކޮންސަލްޓަންޓެއް ކަމުގައިވާ ޖޯއާއޯ ފްރިޖޭރިއޯ ބުނީ ފީފާގެ ސެކެޓްރީ ޖެނަރަލްއަކަށް ހިޝާމް ގެންސްފިނަމަ "އޭނާ ވެގެންދާނީ ހިންގުންތެރި ގާބިލް ސެކެޓްރީ ޖެނރަލްއަކަށް" ކަމަށެވެ.

ނަމަވެސް ސެކެޓްރީ ޖެނަރަލް މަގާމަށް ގެންނަނީ ހިޝާމް ކަމެއް އިންފެންޓީނޯގެ ފަރާތުން ޔަގީންކޮށްދީފައެއް ނުވެއެވެ. އިންފެންޓީނޯގެ ގާތް މިހަކާ ހަވާލާދީ ރޮއިޓަސްއިން ބުނެފައި ވަނީ އިންފެންޓީނޯ އެގޮތަށް ވާހަކަ ދެއްކެވީ ފަހަރެއްގައި ވެސް ކޮންމެހެން ވަކި ގޮތަކަށް ނިންމަވައިގެން ނޫން ކަމަށެވެ.

ސެކެޓްރީ ޖެނަރަލް މަގާމު ކަނޑައެޅުމުގައި އިންފެންޓީނޯ އަވަސްވެ ނުގަންނާނެ

މިދިޔަ އާދިއްތަ ދުވަހު އިންފެންޓީނޯ ވިދާޅުވީ ފީފާގެ ސެކެޓްރީ ޖެނަރަލްއެއް ކަނޑައެޅުމުގައި އޭނާ އަވަސްވެ ނުގަންނާނެ ކަމަށެވެ.

އޭނާ ވިދާލުވީ ފީފާއަށް އިސްލާހީ ބަދަލުތައް ގެނައުމުގައި ސީއީއޯ ވެގެންދާނީ އެ މަސައްކަތުގެ އެންމެ މުހިންމު މަގާމަށް ކަމަށެވެ.

ފީފާގެ އާ އިސްލާހީ ޕެކޭޖުގައި ސެކެޓްރީ ޖެނަރަލްގެ މަގާމުގެ ޓައިޓަލްއަކީ ސީއީއޯއެވެ.

ފީފާގެ އެކްސްކޯއަށް އެންމެ އަވަހަށް ވެސް ސެކްޓްރީ ޖެނަރަލްގެ ނަމެއް އިންފެންޓީނޯއަށް ފޮނުވޭނީ މާޗް 17 ގައި ބާއްވާ އެކްސްކޯ މިތީންގަ އެވެ. ނުވަތަ އެއަށްވުރެ ލަސް ކުރުމުގެ ފުރުސަތުވެސް ބޮޑެވެ. އެއީ މެއި މަހު މެކްސިކޯގައި ބާއްވާ ފީފާގެ އެނައުލް ކޮންގްރެސްއަށް ލަސްކުރުމެވެ.