މެކްސިކޯ ސިޓީ (މާޗް 1): މެކްސިކޯގައި ޓީޗަރުންގެ ފެންވަރު ބަލަން ބޭއްވި އިމްތިހާނަކަށް ހާޒިރުނުވި 3000 ވުރެ ގިނަ ޓީޗަރުން ވަޒީފާއިން ވަކި ކުރަން އެގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

މެކްސިކޯގެ އެޑިއުކޭޝަން މިނިސްޓަރު، އައުރޭލިއޯ ނޫނިއޯ ވިދާޅުވީ އިމްތިހާނަށް ހާޒިރުވާން ޖެހޭ 153،000 ޓީޗަރުންގެ ތެރެއިން އިމްތިހާނުގައި ބައިވެރިވީ 2.2 ޓީޗަރުން ކަމަށެވެ. އެހެންކަމުން، އިމްތިހާނަށް ހާޒިރު ނުވާ ޓީޗަރުން މިއަދު ވަޒީފާއިން ވަކި ކުރާނެ ކަމަށެވެ.

ނަމަވެސް، އިމްތިހާނަށް ހާޒިރު ނުވި ޓީޗަރުންގެ ތެރެއިން 15 ޕަސެންޓް ޓީޗަރުން ވަނީ އިމްތިހާނަށް ތައްޔާރު ވުމަށް ފަހު 12 މަސް ފަހުން އެއިމްތިހާނު ހަދަން އެއްބަސްވެފައި ކަމުން، އެޓީޗަރުން ވަޒީފާއިން ވަކި ނުކުރާނެ ކަމަށް މިނިސްޓަރު ނޫނިއޯ ވިދާޅުވި އެވެ.

އިމްތިހާނަށް ހާޒިރުވާން ބައެއް ޓީޗަރުން ދެކޮޅު ހެދީ މިދިޔަ އަހަރު މެކްސިކޯގެ އެޑިއުކޭޝަން ސިސްޓަމަށް އެގައުމުގެ ސަރުކާރުން ގެނައި އިސްލާހަކާ ގުޅިގެންނެވެ. އެއިސްލާހުގެ ދަށުން ސަރުކާރުންދޭ އިމްތިހާނުން އެކަށީގެންވާ ނަތީޖާއެއް ނުލިބޭނަމަ އެޓީޗަރުން ވަޒީފާއިން ވަކިކުރެވޭނެ އެވެ. އަދި ރަނގަޅު ނަތީޖާއެއް ލިބިއްޖެ ނަމަ އެޓީޗަރުންނަށް ޕްރޮމޯޝަނަށާއި މުސާރަ އިތުރު ކުރުމަށް އެދެވޭނެ އެވެ.

މެކްސިކޯގައި އެންމެ ފަހުން ބޭއްވި ޓީޗަރުންގެ އިމްތިހާނުން 51.5 ޕަސެންޓް ޓީޗަރުންނަށް އަކަށީގެންވާ މިންވަރުގެ ނަތީޖާއެއް ނުލިބެ އެވެ. އެޓީޗަރުންނަށް ރަނގަޅު ނަތީޖާއެއް ލިބެންދެން އަނެއްކާވެސް ޓީޗަރުން ތަމްރީނު ކުރާނެ އެވެ. އިމްތިހާނުން ރަނގަޅު ނަތީޖާއެއް ލިބުނީ 48.5 ޕަސެންޓް ޓީޗަރުންނަށެވެ.

މެކްސިކޯގެ ސަރުކާރުން ބުނީ އާއިސްލާހަކީ އެގައުމުގެ ޓީޗަރުންގެ ފެންވަރު ރަނގަޅު ކުރަން ގެނެސްފައިވާ އިސްލާހެއް ކަމަށެވެ. ނަމަވެސް، މެކްސިކޯގެ ޓީޗާސް ޔޫނިއަންތަކުން ވަނީ އާ އިސްލާހުގެ ސަބަބުން ގިނަ އަދަދެއްގެ ޓީޗަރުން ވަޒީފާއިން ވަކިކުރުމުގެ ފުރުސަތު ބޮޑު ވާނެ ކަމަށް ބުނެ އިސްލާހަށް ފާޑުކިޔާފަ އެވެ. (އޭއެފްޕީ)