ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ކާރާއި ސައިކަލް ދުއްވޭނެ ވަކި މުއްދަތެއް ކަނޑައަޅައި މި މަހު އަމަލު ކުރަން ފަށަން ނިންމާފައިވާ އުސޫލަށް އަމަލު ކުރުން ފަސްކޮށްފި އެވެ.

އަލަށް ހެދި ގަވައިދާއެކު އަލަށް ގެންނަ ސައިކަލާއި ކާރު 15 އަހަރަށް ދުއްވުމުގެ ހުއްދަދޭ އިރު ކުރިން ބޭނުންކޮށްފައިވާ ކާރާއި ސައިކަލް އަލަށް ރަޖިސްޓްރީ ކުރާ އިރު ދުއްވޭނެ މުއްދަތަކަށް 10 އަހަރު ވަނީ ކަނޑައަޅައިފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ކުރިން ބުނީ އެ އުސޫލަށް މި މަހުން ފެށިގެން އަމަލުކުރާނެ ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު މިއަދު ސަން އަށް ވިދާޅުވީ ގިނަ ބައެއްގެ އެދުމުގެ މަތިން އެއުސޫލަށް އަމަލު ކުރުން އަދި ވަކި މުއްދަތެއްނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.

"އާންމުންގެ ބައެއް ހިޔާލުތަކާއި ކަންބޮޑުވުންތަކާއެކު ސަރުކާރުން ވަރަށް ބޮޑަށް ބައްލަވާނެ އާންމުންގެ ހިޔާލާއި އެއްގޮތަށް ކަންތައްތައް ކުރެވޭތޯ، އެހެންކަމުން އެގޮތަށް ހުށައެޅުމުން އެގޮތަށް ތަންފީޒު ކުރުމުގެ ކުރިން އަލުން ލިބުނު ހިޔާލުތަކާއެކު މުރާޖާ ކުރަން މިއުޅެނީ،" ނާފިޒު ވިދާޅުވި އެވެ.

އެ އުސޫލް ތަންފީޒު ކުރެވެން ފެށުމާ އެކު ވެހިކަލް ގިނަވެގެން މިހާރު ޖެހޭ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް ނާފިޒު ވިދާޅުވި އެވެ.