އަމުރަށް ނުކިޔަމަންތެރިވި މައްސަލައެއްގައި ކަމަށް ބުނެ ޖަސްޓިސް ބިލްޑިންގް ކައިރިން، ފުލުހުން އިއްޔެ ހައްޔަރުކުރި އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒްގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖައިފި އެވެ.

ބަންދާމެދު ގޮތެއް ނިންމުމަށް ޝިފާޒް ކޯޓަށް ހާޒިރުކުރި މިއަދު 11:00 ޖަހާއިރު އެވެ. ފުލުހުން ބުނީ ޝިފާޒު ބަންދުގައި ބެހެއްޓުމަށް ކޯޓުން 10 ދުވަސް ޖަހާފައިވާ ކަމަށެވެ.

ފުލުހުން ޝިފާޒް ހައްޔަރުކޮށްފައި ވަނީ އިއްޔެ އެވެ. އެމްޑީޕީން އެކަމާ ގުޅިގެން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެއާޕޯޓްގައި މުޒާހަރާކުރި ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ މެމްބަރުންތަކެއްގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުމެއް އިއްޔެ މެންދުރު 13:00ގައި ކްރިމިނަލް ކޯޓުގައި އޮތުމުން އެ ސަރަހައްދުގައި ޝިފާޒް މަޑުކޮށްލައްވައިގެން ހުންނަވަނިކޮށް ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ.

ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާކުރުމަށް އެދޭކަމަށް ވިދާޅުވެ ސަރުކާރުން ދަޢުވަތު އަރުވާފައިވާ މިވަގުތުގައި އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީގެ ނައިބު ރައީސް ހައްޔަރުކުރުމުން އެފަދަ މަޝްވަރާތައް ބޭއްވުމާ މެދު ސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތްކަން ހާމަވާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ފުލުހުން ބުނީ ޝިފާޒު ހައްޔަރު ކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެން ކަމަށެވެ. އަމުރަށް ނުކިޔަމަން ވުމަށް ޝިފާޒު ކުރީ ކޮން ކަމެއް ފުލުހުން ނުބުނެ އެވެ.