ގައުމީ ބޭންކް، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކުރާ ލޯންތަކުގެ އިންޓްރެސްޓް ރޭޓް ބޮޑުތަން ދަށް ކޮށްފި އެވެ.

ލޯނު އިންޓްރެސްޓް ރޭޓަށް ގެނައި ބަދަލުތައް ހާމަކޮށްދިނުމަށް ހޮޓެލް ޖެންގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ، އެ ބޭންކުން ދޫކުރާ ހައުސިން ލޯންތަކުގެ އިންޓްރެސްޓް އަދި ޕާސަނަލް ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ކުރިޔާ އަޅާ ބަލާއިރު ވަރަށް ބޮޑުތަން ދަށްކޮށްފައިވާ ކަމަށެވެ.

އެގޮތުން މީގެ ކުރިން 11 ޕަސެންޓާއި 18 ޕަސެންޓާ ދެމެދުގެ އިންޓްރެސްޓް ރޭޓް ހުރި ހޯމް ލޯނުތަކުން ވަނީ ދެ ޕަސެންޓް އިންޓްރެސްޓް ރޭޓް ދަށްކޮށްފަ އެވެ.

  • ބީއެމްއެލް ހޯމް ލޯން: ކުރީގެ އިންޓްރެސްޓް: 11 ޕަސެންޓް. މިހާރު 9-10 ޕަސެންޓް

  • ބީއެމްއެލް ހޯމް ކޮންސްޓްރަކްޝަން ލޯން: ކުރީގެ އިންޓްރެސްޓް: 11.5 ޕަސެންޓް. މިހާރު 9.5 އާއި–10.5 ޕަސެންޓާ ދެމެދު.
  • ބީއެމްއެލް ރިއަލް އެސްޓޭޓް ލޯން: ކުރީގެ އިންޓްރެސްޓް: 12 ޕަސެންޓް. މިހާރު 10 އާއި 11 ޕަސެންޓާ ދެމެދު.
  • ލުއި އެކްސްޕްރެސްގެ ލޯނުގެ އިންޓްރެސް ރޭޓަށް އެއްވެސް ބަދަލެއް ނުގެނޭ

ޕާސަނަލް ލޯނުތަކުގެ ތެރޭގައި މީގެ ކުރިން ހުރި ލޯނުތަކުގެ އިތުރުން އެ ބޭންކުން ވަނީ އަލަށް ދެ ލޯނެއް ކުޑަ އިންޓަރެސްޓަކާއެކު ތައާރަފް ކުރާނެ ކަމަށް އިއުލާންކޮށްފަ އެވެ. އެއީ "ލުއި ޕްރޮފެޝަނަލް" ނުވަތަ "ލުއި ޕްރޯ" އެވެ. އެ ލޯނުގެ އިންޓްރެސްޓް ރޭޓަކީ 15 ޕަސެންޓެވެ. ދެވަނަ ލޯނަކީ "ކޮލާޓެރަލް ބެކްޑް" ލޯން އެވެ. އެއީ ވެސް ޕާސަނަލް ލޯނެކެވެ. އެ ލޯނުގެ އިންޓްރެސްޓް ރޭޓަކީ 11.75 ޕަސެންޓެވެ.

"ބީއެމްއެލް ހޯމް ލޯން" އަދި "ބީއެމްއެލް ކޮންސްޓުރަކްޝަން ލޯން"އަކީ ޕާސަނަލް ލޯނުގެ ކެޓަގަރީގައި ހިމެނޭ ދެ ލޯނެވެ. ބީއެމްއެލް ހޯމް ލޯނުން މީގެ ކުރިން ނަގަމުން އައީ 12 ޕަސެންޓުގެ އިންޓްރެސްޓެކެވެ. އަދި ހޯމް ކޮންސްޓްރަކްޝަން ލޯނުން 11.5 ޕަސެންޓްގެ އިންޓްރެސްޓް އެއް ނަގަމުން އައި އިރު، ހޯމް ލޯނުން ނަގަމުން އައީ ވެސް 11 ޕަސެންޓުގެ އިންޓްރެސްޓެކެވެ.

އިންޓްރެސްޓް ރޭޓަށް ބަދަލު ގެނައި ނަމަވެސް، މިއަދު އަލަށް ތައާރަފް ކުރި ރޭޓްތައް ހިނގާނީ ތިނެއް އޭޕްރީލްގެ ފަހުން ނަގާ ލޯނުތަކަށެވެ. އަދި މިއަދުގެ ކުރިން ނަގާފައި ހުރި ލޯނުތަކަށް އިންޓްރެސްޓް ރޭޓް ނަގާނީ ހަމަ ކުރީގެ ރޭޓުން ކަމަށް ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވި އެވެ. އަދި އަލަށް ތައާރަފް ކުރި ދެ ލޯނަށް ވެސް ވަރަށް އަވަހަށް އެޕްލައި ކުރަން ހުޅުވާލާނެ ކަމަށް ވިދާޅުވި އެވެ.

ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ، އަލަށް ގަނައި ބަދަލާއެކު ޕާސަނަލް ބޭނުންތަކަށް ލޯނުނަގާ ފަރާތްތަކަށް ބޮޑަތި ލުއިތަކެއް ލިބިގެންދާނެ ކަމަށާއި ކުރިއަށް އޮތް ތާގައި އެފަދަ އިތުރު ލުއިތައް ކަސްޓަމަރުންނަށް ހޯދައިދޭނެ ކަމަށެވެ.