01 Mar 2016, 12:59
ގޭމް ކުޅުމާއި ސްކޫލް ޕްރޮޖެކްޓްތައް ހަދަން ކުޑަކުދިން އިންޓަނެޓް ބޭނުން ކުރުމަކީ މިހާރު އާއްމު ކަމެކެވެ. ނަމަވެސް، ގޫގުލް މެދުވެރިކޮށް މައުލޫމާތު ހޯދަން ބޭނުން ކުރާ ލަފްޒަކުން ކުއްޖާގެ އުމުރާ ނުގުޅޭ ލިޔުންތަކާއި ފޮޓޯތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. މިހާރުކިޑްލް.ކޯކިޔާ ވެބްސައިޓަކުން ވަނީ ހަމައެކަނި ކުޑަކުދިންނާ ރައްޓެހި ސާޗް ރިޒަލްޓްސް ފެންނަ ސާޗް އިންޖީނެއް ހަދާފަ އެވެ.
ގޫގުލް ސާޗް ކަސްޓަމައިޒް ކޮށްގެން ހަދާފައިވާކިޑްލްގައި ބޭނުން ކުރަނީ، ކުޑަކުދިންނާ ނުގުޅޭ ވެބްސައިޓްތައް ސާޗް ރިޒަލްޓުތަކުގެ ތެރެއިން ނުފެންނަ ގޮތަށް ހަދާފައިވާ ސާޗްބާ އެކެވެ. އަދި ކުޑަކުދިން ބޭނުންކުރުން އެކަށީގެން ނުވާ ބައެއް ބަސްތައް ސާޗް ކުރުމުން އެއްވެސް މައުލޫމާތެއް ނުފެންނަ ގޮތަށެވެ.

ކުޑަކުދިން ބޭނުން ކުރުން އެކަށީގެންނުވާ ބައެއް ބަސްތައް ސާޗް ކުރުމުން އެއްވެސް މައުލޫމާތެއް ނުފެނޭ --
ކިޑްލް ސާޗް ބާ ހުންނާނީ ގޫގުލްއާ ގާތްގަނޑަކަށް އެއްގޮތަކަށެވެ. އަދި ކިޑްލް ލިޔެފައި ހުންނައިރު ބޭނުންކޮށްފައި ވަނީވެސް ގޫގުލްގެ ކުލަތަކެވެ. ނަމަވެސް، ގޫގުލްގެ ހުންނަ ހުދު ބެކްގްރައުންޑާ ހިލާފަށް ކިޑްލްގައި ބޭނުންކޮށްފައި ވަނީ "އޭލިއެން ރޮބޮޓް"އަކާއި ޖައްވުގެ މަންޒަރެކެވެ.
ކިޑްލް ބޭނުންކޮށްގެން އެއްޗެއް ސާޗް ކުރުމުން އެންމެ ފުރަތަމަ ފެންނަ ދެތިން ރިޒަލްޓްސްގައި ހުންނާނީ ކުޑަކުދިންނަށް ހާއްސަ ވެބްސައިޓްތަކެވެ. ޖެހިގެން ހުންނަ ހަތަރު ވަރަކަށް ރިޒަލްޓުން ފެނިގެންދާނީ ކުޑަކުދިންނަށް ނަގައިގަންނަން ފަސޭހަ ގޮތަކަށް ލިޔެފައިވާ ވެބްސައިޓްތަކެވެ. އޭގެ ފަހުން އަންނާނީ ބޮޑެތި މީހުންވެސް ބޭނުންކުރާ ވެބްސައިޓްތަކެވެ. ނަމަވެސް، އޭގެ ތެރެއިންވެސް ފެނިގެން ދާނީ ކުޑަކުދިންނާ ރައްޓެހި ވެބްސައިޓްތަކެވެ.