01 Mar 2016, 16:29
މި މަހު މެލޭޝިއާގައި ފަށާ މެލޭޝިއާ އިންވިޓޭޝަނަލް ވޮލީ މުބާރަތް ނުވަތަ "ޕިއާލާ ދާތުކް ބަންޑާރަ" އިންޓަނޭޝަލް ވޮލީބޯލް މުބާރާތް، ޓެކްޓިކްސް އާއި ޓެކްނިކަލް ގޮތުން ރާއްޖެއަށް ތަފާތު މުބާރާތަކަށް ވާނެ އެވެ. އެ މުބާރާތުގައި ވާދަ ކުރުމަށް ގައުމީ ވޮލީ ޓީމު މާދަމާ މެލޭޝިއާއަށް ފުރާއިއިރު ގައުމީ ވޮލީ ކޯޗް ތައިލެންޑްގެ ސުންޓޮން ފޮސީޓާ ޓީމުން ގިނަ ފުރުސަތުތަކެއް ދިފައި ވަނީ ޒުވާން ކުޅުންތެރިންނަށެވެ.
ވޮލީބޯލް އެސޯސިއޭޝަންގެ ނައިބުރައީސް އިލްޔާސް ވަހީދު (އިއްލަ) ވިދާޅުވީ މި މުބާރަތަކީ ރާއްޖޭގެ ލެވަލަށްވުރެ އެތައްގޮތަކުން ފެންވަރު މަތި މުބާރާތެއް ކަމަށާއި އެ ލެވަލްގައި ކުޅެގެން ރާއްޖޭގެ ވޮލީ އެހެން ހަރުފަތަކަށް ގެންދަން އެހީ ވެދޭނެ ކަމަށެވެ.
"މިމުބާރާތުން ޓާގެޓެއް ނުގެންގުޅެން ވަކި ހިސާބަކަށް ދާކަށް. އެއީ މީ ރާއްޖޭގެ ލެވަލްއަށް ވުރެ ފެންވަރުގެ ގޮތުން ހައި މުބާރާތެއް. މިސަރހައްދުން އިންޑިއާ ޕާކިސްތާން ލަންކާފަދަ ގައުމުތައް ކުޅޭ ސްޕީޑަށްވުރެ މިމުބާރަތުގައި ރާއްޖޭއާ ދެކޮޅަށް ނުކުންނަ ޓީމުތަކުގެ ގޭމް ސްޕީޑް އަވަސްވާނެ"އިއްލަ ވިދާޅުވިއެވެ.
މުބާރާތުގައި ރާއްޖެ ކުޅޭ ފެންވަރަށް މުބާރާތުގައި ވާދަ ކުރާ އެހެން ގައުމުތަކުގެ ފެންވަރު މަތިނަމަވެސް ކޯޗް ފޮސީޓާގެ ވިސްނުން ޒުވާން ކުޅުންތެރިންނަށް އަމާޒުވީ ވަރުގަދަ މުބާރާތްތަކުގައި ޒުވާން ކުލުންތެރިންނަށް ފުރުސަތުދީ ޒުވާން ކުޅުންތެރިންނަށް އާ ތަޖުރިބާ ތަކެއް ހޯދައިދިނުމަށެވެ.
މި މުބާރާތައް ފަހު ކޯޗުގެ އާ ކޮންޓްރެކްޓާ މެދު ގޮތެއް ނިންމާއިރު މުބާރާތުގައި ކޯޗަށް ވަކި ޓާގެޓެއް ނުދިނީ ކީއްވެތޯ ސުވާލުކުރުމުން އިއްލަ ވިދާޅުވީ މިމުބާރަތަކީ ވީއޭއެމްގެ ކަލަންޑަރުގައި ހިމެނޭ މުބާރާތެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ހަރުފަތަށް ވުރެ ވަރުގަދަ މުބާރާތެއްގައި ވާދަ ކުރާއިރު ވީއޭއެމްގެ ވިސްނުން ހުރީވެސް ރާއްޖޭގެ ވޮލީ އެހެން ހަރުފަތަކަށް ގެންދިއުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައިކަމަށް ިއްލަ ވިދާޅުވިއެވެ.
ގައުމީ ވޮލީބޯޅަ ޓީމްގެ ކޯޗް ތައިލެންޑުގެ ސުންޓޮން ފޮސީޓާ. އޭނާގެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމާމދެު ގޮތެއް ނިންމާނީ މެލޭޝިއާ އިންވިޓޭޝަނަލް ކަޕަށް ފަހު --- ސަން ފައިލް ފޮޓޯ/ ޔޫސުފް ސޮފްވާން
މުބާރާތަށް ފަހު ކޯޗްގެ ކޮންޓްރެކްޓް އާ ކުރާއިރު ބޮޑަށް ބުރަވެވެނީ ކޮންނިންމުމަށްކަށްތޯ ސުވާލުކުރުމުން އިއްލަ ވަކި ޖަވާބެއް ނުދެއްވައެވެ.
ބުރާސްފަތި ދުވަހުން ފެށިގެން މިމަހު ހަޔަކާ ހަމަޔަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ރާއްޖެ ބައްދަލު ކުރާނީ ތައިލެންޑްގެ ޓީމަ ދެކޮޅަށެވެ.