އެމެރިކާގެ އޮހާޔޯގައި ހުންނަ މެޑިސަން ޖޫނިއަރ ސީނިއަރ ހައި ސްކޫލުގެ ކެފެޓީރިއާގައި 14 އަހަރުގެ ކުޑަ ކުއްޖަކު ބަޑި ޖަހައި، އެތަނުގައި ތިބި ސްކޫލު ދަރިވަރުންތަކަކަށް ހަމަލާ ދީފި އެވެ.

މީޑިއާގައި ރިޕޯޓު ކުރެވިފައިވާ ގޮތުގައި، މެޑިސަންގެ ކެފެޓީރިއާއަށް ބަޑިއެއް ހިފައިގެން 14 އަހަރުގެ ކުއްޖަކު ގޮސް ހަމަލާ ދިނުމުގެ މި ހާދިސާގައި، ދެ ދަރިވަރެއްގެ ގަޔަށް ވަޒަން އަރާފައި ވެ އެވެ. އަދި އެއަށް ފަހު ކެފެޓީރިއާ ތެރޭގައި ހިނގައިދިޔަ ބައެއް ކަންތަކުގެ ތެރޭގައި އިތުރު ދެ ދަރިވަރަކަށް އެކި ވަރުގެ ޒަޚަމް ލިބިފައި ވެ އެވެ.

އޮހަޔޯގެ ފުލުހުން ބުނާ ގޮތުން، މެޑިސަންގައި ބަޑި ޖެހި 14 އަހަރުގެ ކުއްޖާ ވަނީ ފުލުހުންގެ ހައްޔަރަށް ގެނެވިފަ އެވެ. ޖޭމްސް އޮސްޓިން ހެންކަކް ނަމަކަށް ކިޔާ މި ކުއްޖާ ހައްޔަރުކޮށްފައި ވަނީ މީހެއް ނުވަތަ ބައެއްގެ ފުރާނަ ނަގައިލުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތާއި، ބިރު ދެއްކުމާއި، ޓެރަރިޒަމްގެ އަމަލެއް ހިންގަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގަ އެވެ.

މެޑިސަން ހައި ސްކޫލުގައި މި ހަމަލާ ދިނީ ގްރޭޑު އަށެއްގައި ކިޔަވާ 14 އަހަރުގެ ދަރިވަރެއްކަން އެނގުމުން އެ ސްކޫލުގެ ގިނަ ދަރިވަރުން ވެސް ތިބީ ހައިރާންވެ އަންތަރީސް ވެފަ އެވެ.

"އަހަރެން ހިތަށް އެރީ، ގްރޭޑު އަށެއްގެ ދަރިވަރެކޭ؟ އޭނާ ބަޑިއެއް ހިފައިގެން އެ އުޅެނީ ކީއްވެގެންހޭ،" އެ ސްކޫލުގެ ގްރޭޑު 11 ގައި ކިޔަވާ ދަރިވަރަކު ސީއެންއެންއަށް ބުންޏެވެ.

ނަމަވެސް، ބަޑި ޖެހި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޖޭމްސް އޮސްޓިންއަކީ މެޑިސަން ހައި ސްކޫލުގެ ދަރިވަރެއްކަން ނުވަތަ ނޫންކަން ސާފު ވެފައެއް ނުވެ އެވެ.

މަސްދަރު: ސީއެންއެން