މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މަހުދީ އިމާދު އޭނާގެ މަގާމުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން އޭނާގެ ގާތްތިމާގެ މީހަކަށް ވަޒީފާ ދީފައިވާ ކަމަށާއި އެކަމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭތީ އޭނާގެ މައްޗަށް ދައުވާ ކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

މަހުދީ އިމާދު އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް ވަޒީފާ ދީފައިވާ ކަމަށް ބުނެ އޭސީސީއަށް ހުށަހަޅާފައިވާ މައްސަލަ ތަހުގީގު ކުރުމަށްފަހު އެ ކޮމިޝަނުން ބުނީ އެމްޕީއެލްގެ އެސިސްޓަންޓް ޔާޑު ސުޕަވައިޒަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުުރުސަތުގައި ވަޒީފާ ދީފައި ވަނީ އިއުލާނުގެ މުއްދަތު ހަމަވެ ނުވަ ދުވަސް ފަހުން ކަމަށެވެ.

އެގޮތުން 2006 ވަނަ އަހަރުގެ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން ސިޓީ ހުށަހަޅަން އޮތް ނަމަވެސް، ވަޒީފާ ދިން މީހާ ސިޓީ ހުށަހަޅާފައި ވަނީ މެއި 17 ވަނަ ދުވަހުކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށް އޭސީސީ އިން ބުނެ އެވެ. އަދި ވަޒީފާއަށް އެދޭ ފޯމު ހުށަހަޅާފައި ވަނީ މެއި މަހުގެ 28 ވަނަ ދުވަހު ކަމަށް އޭސީސީ އިން ބުނެ އެވެ.

ނަމަވެސް 25 މެއި ވަނަ ދުވަހު އެމްޕީއެލް އިން ވަނީ އެ ފަރާތާ އިންޓަވިއުކޮށްފަ އެވެ. އަދި އިންޓަވިއު ކުރުމަށްފަހު އިންޓަވިއު ޝީޓުގައި "އޯކޭ" ލިޔެ، އޭގައި އޭރުގެ އެމްޕީއެލްގެ އެމްޑީ މަހުދީ އިމާދު ވަނީ ސޮއިކޮށްފަ އެވެ.

އަދި އެ މީހާ އިންޓަވިއުއަށް ގެނައުމަށް އެމްޑީ އެންގިކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށާއި، ވަޒީފާ ދިން ކަން އަންގާ ޗިޓުގައި ވެސް ސޮއިކޮށްފައި ވަނީ މަހުދީ ކަން ފާހަގަވެފައިވާ ކަމަށް އޭސީސީ އިން ބުނެ އެވެ.

އެހެންކަމުން އެ މައްސަލައިގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަން ސާބިތުވާ ވަރަށް ހެއްކާ ގަރީނާ ހުރުމުން، އެއީ ކޮރަޕްޝަން ހިމެނޭ މައްސަލައެއް ކަމުގައި ކަނޑައަޅައި މަހުދީ އިމާދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރުމަށް މިހާރު ވަނީ ޕީޖީއަށް ފޮނުވާފަ އެވެ.