01 Mar 2016, 12:25
ކުއާލަލަންޕޫރު (މާޗް 1) :މެލޭޝިޔާގައި ވެރިކަންކުރާ ޔުނައިޓެޑް މެލޭސް ނެޝަނަލް ކޮންގްރެސް (އުމްނޯ) އަކީ ކޮރަޕްޝަނަށް މަގުފަހިކޮށްދޭ ޕާޓީއެއްކަމަށް ސިފަކުރެއްވުމަށްފަހު އެޕާޓީގެ ކުރީގެ ޒައީމް އަދި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު ބިން މުހައްމަދު އެޕާޓީން ވަކިވެވަޑައިގެންފިއެވެ.
މަހާތީރު ވިދާޅުވީ މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބް ރައްޒާގް ހިންގަވާ ކޮރަޕްޝަންގެ އަމަލުތަކަށް އުމްނޯ އިން ތާއީދުކޮށް ނަޖީބަށް އެހީތެރިވެދޭ ކަމުގައެވެ. އެހެންކަމުން އުމްނޯ އަކީ މެލޭ ދަރިކޮޅުގެ މީހުންގެ ގައުމީ ޕާޓީއެއްގެ ބަދަލުގައި އެއީ މިހާރު ނަޖީބުގެ ޕާޓީއެއްކަމަށް މަހާތީރު ސިފަކުރެއްވިއެވެ.
މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބް ރައްޒާގް ގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަންގެ ތުހަމަތުތަކަކީ އަސާސެއްނެތް ތުހުމަތުތަކެއްކަން ތަހްގީގްތަކުން ހާމަވެފައިވާ ކަމަށާ އެހެންކަމުން އެމައްސަލައިގާ ނަޖީބުގެ މައްޗަށް ދައުވާކުރާނެ ޖާގަނެތްކަމަށާ މިފައިލް މިހިސާބުން ލައްޕާލާފައިވާކަމަށް އެގައުމުގެ ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ ވިދާޅުވެފައެވެ. އަދި ނަޖީބުގެ އަމިއްލަ އެކައުންޓްގައި 600 މިލިޔަން ޑޮލަރު ހުރިކަން ކަށަވަރުވުމުން އެގައުމުގެ ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވެފައިވަނީ އެއީ ސައޫދީ ޝާހީ އާއިލާއިން ހަދިޔާއެއްގެ ގޮތުގައި ނަޖީބަށް ދެއްވި ފައިސާކަމުގައެވެ.
އުމުރުން 90 އަހަރުގެ މަހާތީރަކީ މެލޭޝިޔާ ވަރަށް ފަގީރު ގައުމަކުން މުއްސަނދި ސިނާއީ ގައުމަކަށް ބަދަލުކޮށްލެއްވި އެގައުމުގެ ތަރައްގީގެ ބާނީއެވެ. މިކަމުގެ ސަބަބުން މެލޭޝިޔާގެ އާންމުންގެ ހިތްތަކުގައި މަހާތީރަށް ބޮޑު ގަދަރެއް ދެވިފައިވެއެވެ. އަދި މެލޭޝިޔާގައި މަހާތީރު ސިފަކުރެވެނީ ގައުމީ ބަތަލެއްގެ ފެންވަރުގެ ޝަޚްސިއްޔަތެއްގެ ގޮތުގައެވެ.
އުމްނޯ އިން ދާދިފަހުންވަނީ މަހާތީރުގެ ފިރިހެން ދަރިފުޅު މުޚްރިޒު، އެގައުމުގެ ގަދަހު ސްޓޭޓްގެ ބޮޑުވަޒީރުކަމުން އިސްތިއުފާދެއްވަން މަޖްބޫރުކޮށްފައެވެ.
އަދި މެލޭޝިޔާގެ ބޮޑުވަޒީރުގެ ނައިބު މުހްޔިއްދީން ޔާސީންވެސްވަނީ އުމްނޯ ގެ ބާރުގައި މަގާމުން ވަކިކޮށްފައެވެ. މުހްޔިއްދީން ޔާސީން އަކީ މަހާތީރާ ވަރަށް ގާތް ބޭފުޅެކެވެ. މަހާތީރު، ވަކިވެވަޑައިގަތުމުން އުމްނޯ އިން ބުނީ އެޕާޓީގައި ހުންނަވައިގެން މަހާތީރަށް ދެން އެޕާޓީއަށް ފާޑު ވިދާޅު ނުވެވޭނެ ކަމުގައެވެ. (އަލްޖަޒީރާ)