01 Mar 2016, 10:25
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެ ވަނަ ދައުރަކަށް އިންތިހާބުވެއްޖެނަމަ ރާއްޖޭގެ ހުރިހާ ބޭންކެއްގެ ހުރިހާ ލޯނުތަކެއްގެ އިންޓްރެސްޓް ރޭޓު ހަތަރު ޕަސެންޓަށް ކުޑަވާނެ ކަމަށް ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.
ރިޔާޒު ހުށަހަޅުއްވާފައިވާ، ޕޭމަންޓް ސިސްޓަމް ބިލުގެ އިބްތިދާއީ ބަހުސްގައި މަޖިލީހަށް ބިލް ހުށަހަޅުއްވަމުން ރިޔާޒު ވިދާޅުވީ ރާއްޖޭގެ ބޭންކިން ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ކޮށްފައިވާ އެންމެ ބޮޑު މަސައްކަތަކީ އިންޓްރެސްޓް ރޭޓު ކުޑަ ކުރުން ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް ތަނުގައި އިންޓްރެސްޓް ރޭޓް ހަތަރު ޕަސެންޓަށް ކުޑަވެގެންދާނެ ކަމަށް ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.
"މުސްތަގުބަލުގައި ރައީސް ޔާމީނު ދެވަނަ ދައުރެއް އަދާކޮށްފިކަމަށް ވާނަމަ ރާއްޖޭގެ ހުރިހާ ބޭންކުތަކުން ދޫކުރާ ހުރިހާ ލޯނެއްގެ އިންޓްރެސްޓް ރޭޓު ހަތަރު ޕަސެންޓަށް ވުރެ ކުޑަވެގެންދާނެ ކަމުގެ ޔަގީންކަން ދޭން ކެރޭ ދިވެހި ރައްޔިތުންނަށް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 12 ޕަސެންޓުގައި އިންޓްރެސްޓް ރޭޓެއްގައި ލޯނު ނެގުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކުރާ ކަމެއް ނޫން ކަމަށާއި ރައްޔިތުންގެ ހައްގުގައި މަޖިލީހުން ބޭންކުތަކަށް ޕްރެޝަރު ކުރަން ޖެހޭ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް އިން މިހާރު އަންނަނީ 11 އާއި 18 ޕަސެންޓަށް އިންޓްރެސްޓް ނަގަމުންނެވެ.
އެ ބޭންކުން ދޫކުރާ އެކިއެކި ލޯންތަކުގެ އިންޓްރެސްޓް ރޭޓް ދަށް ކުރުމަށް އެ ބޭންކުގެ ބޯޑުން ވަނީ ނިންމާފަ އެވެ. ނަމަވެސް ރޭޓަށް ގެނައި ބަދަލު އަދި ހާމަކޮށްފަ އެއް ނުވެ އެވެ.