01 Mar 2016, 09:39
މިހާރު ބޮލީވުޑްގައި ހުރި އެންމެ "ބިޒީ" ތަރިއަކީ ޕްރިޔަންކާ ޗޯޕްރާއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ބޮލީވުޑާއި ހޮލީވުޑްގެ ފިލްމުތަކުގެ ޝޫޓިންގުތަކުން އަރައި ނުގަނެވުމުގެ ސަބަބުން ހަމަޖެހިލައިގެން ކާލާނެ ވަގުތެއް ވެސް އޭނާ އަށް ނުވާ ކަމަށް ހަބަރުތައް ބުނެއެވެ.
ކޮންމެއަކަސް، އެ ބިޒީ ޝެޑިއުލްގެ ތެރެއިން ވެސް އޭނާ ވަނީ އިއްޔެ ހެނދުނު އޮތް އޮސްކާ އެވޯޑު ޝޯވްގައި ވެސް ބައިވެރިވެފަ އެވެ. އެ ޝޯގައި އޭނާ ބައިވެރިވީ ޕްރެޒެންޓަރެއްގެ ގޮތުގަ އެވެ.
ނަމަވެސް، ޝޯވް ނިންމުމަށްފަހު އެހެން ތަރިންނާއެކު ޕާޓީ ކުރާނެ ވަގުތެއް ވެސް ޕްރިޔަންކާ އަށް ލިބޭ ގޮތެއް ނުވި އެވެ. ޕްރިޔަންކާ އަށް ޖެހުނީ އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަ ހޮލީވުޑްގެ ފިލްމު "ބޭވޮޗު" ގެ ޝޫޓިންއަށް މިއާމީ އަށް ދާށެވެ.
އެގޮތުން އޭނާ ވަނީ ރޭގެ ވަގުތެއްގައި މިއާމީ އަށް ފުރާފަ އެވެ. މިއާމީ އަށް ފުރަމުން އޭނާ ވަނީ ޓުވީޓު ވެސް ކޮށްފަ އެވެ.
ތިރީސްތިން އަހަރުގެ ޕްރިޔަންކާ، އަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނީ އެމެރިކާގެ ޓީވީ ސީރީސް ކުއަންޓިކޯ އިންނެވެ. އެއަށްފަހު އޭނާ އަންނަނީ ހޮލީވުޑްގައި ގިނަ ފުރުސަތުތަކެއް ލިބެމުންނެވެ.
އިއްޔެ އޮސްކަ އެވޯޑު ޝޯވްގައި ބައިވެރިވި ޕްރިޔަންކާ ލައިގެން ހުރީ ވަރަށް ރީތި ހުދު ކުލައިގެ ހެދުމެކެވެ. އެ ހެދުން ޑިޒައިން ކުރީ ޒުހައިރު މުރާދު އެވެ.