01 Mar 2016, 09:22
ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަރުބާޒް ހާން އާއި މަލައިކާ އަރޯރާގެ ވަރީގެ ވާހަގަކައަކީ މިއަދާ ހަމައަށް ވެސް މީޑިއާގައި ހަލުވި ކަމާއެކު ފެތުރެމުންދާ ވާހަކަތަކެެކެވެ. އެ ވާހަކަތަކަށް އަރުބާޒު އެތައް ފަހަރެއްގެ މަތިން ރައްދު ދިން ނަމަވެސް، އެއީ ތެދެެއް ކަމެއް ނުވަތަ ދޮގެއް ކަމެއް އޭނާ ކަށަވަރުކޮށް ދީފައެއް ނުވެއެވެ.
ނަމަވެސް ދާދި ފަހުން ނޫސްވެރިންނާ ވާހަކަ ދައްކަމުން އަރުބާޒު ވަނީ އެއީ ދޮގު ވާހަކަތަކެއް ކަން ހާމަވާ ފަދަ ފެހި ސިގުނަލްތަކެއް ދީފަ އެވެ. އެގޮތުން އޭނާ ބުނީ، އަންހެނުން މަލައިކާ ގެއްލިދާނެތީ ބިރުހީވާ ކަމަށެވެ.
"އެއްޗެއް ލިބުނީމަ ނުވަތަ މީހަކު ލިބުނީމަ އެ މީހަކު ގެއްލޭކަށް ނޭދޭނެ. އެހެން ވާނެ. އަހަރެން މަލައިކާ ދެކެ ވަރަށް ލޯބިވޭ. އަހަރެން މި ހުންނަނީ އޭނަ ދެކެ މޮޔަ ވެފަ،" އަރުބާޒު ބުންޏެވެ.
އަރުބާޒު ބުނީ، އޭނާ އަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި، މީގެ ކުރިން އޭނާ މަލައިކާދެކެ ނުވާހާ ލޯބި މިހާރުވާ ކަމަށެވެ.
"ދުނިޔޭގައިވާ އެހެން އެއްޗަކަށްވުރެ އަހަރެން އޭނަ ދެކެ ލޯބިވޭ. އެއީ އަހަންނަށް ވަރަށް މުހިއްމު މީހެއް. އޭނަ ގެއްލިދާނެ ތީ ބިރުގަނޭ،" އަރުބާޒު ބުންޏެވެ.
ކޮންމެއަކަސް، އަރުބާޒު އެވަނީ މަލައިކާދެކެ އިންތިހާއަށް ލޯބިވާކަން މުޅި ދުނިޔެއަށް ހާމަކޮށްފައެވެ. އަދި އެ ދެތަރިންގެ ދެމެދުގައި "ވަރިވުމުގެ" އެއްވެސް ކަމެއް ނޫޅޭކަން ވެސް މުޅި ދުނިޔެއަށް ހާމަކޮށްފައެވެ.
މަލައިކާ އާއި އަރުބާޒުގެ ކައިވެންޏަށް 17 އަހަރުވެފައި ވާއިރު، އެދެތަރިންނަށް ފިރިހެން ކުއްޖަކު ވަނީ ލިބިފައެވެ.