ރައީސުލްޖުމްހޫރިއްޔާއަށް މެމްބަރަކު ސަނާ ކިޔުއްވަން ފެއްޓެވި ކަމުގައިވިއަސް، އަދި ސަރުކާރާ ދެކޮޅަށް މެމްބަރަކު ވާހަކަފުޅުދެއްކެވި ނަމަވެސް އެކަން ރައްޔިތުން މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅަކު ހުއްޓުވަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން މީގެ ކުރިން ކުރައްވާފައިވާ ސީނާ އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ފަހަކަށް އައިސް ހިނގަމުންދާ ކަންތައްތަކާ ގުޅޭ ގޮތުން "ސަން"އާ ވާހަކަފުޅުދައްކަވަމުން ޒާހިރު ވިދާޅުވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް މެމްބަރަކު ވާހަކަފުޅުދައްކަވާ ކަމަށްވާނަމަ އެކަން މަޖިލީހުގެ ރިޔާސަތުން ހުއްޓުވަން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ހުށެހެޅިފައިވާ ބިލަށް ނޫން ގޮތަކަށް "ކިރިޔާ ވެސް" މެމްބަރެއްގެ ވާހަކަދެއްކުން ހުރިކަން މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް ހީފުޅުވެވަޑައިގަންނަވާނަމަ ވަގުތުން އެ މެމްބަރެއްގެ މައިކުގެ އަޑު ކަނޑާލަން ޖެހޭނެ ކަމަށެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު: މަޖިލީހުގައި ތިއްބެވި އިލްމީ ބޭފުޅުން ހަނު ތިއްބަވާތީ ސީނާ އަހުމަދު ޒާހިރު ފާޑުވިދާޅުވި-- ފޮޓޯ/ މަޖިލިސް

"ހުށަހެޅިފައިވާ ބިލަކާ ނޫން ގޮތަކަށް މެމްބަރަކު ވާހަކަފުޅުދައްކަވާނަމަ ހަމަ އަޑުވެސް ކަނޑަން އެބަޖެހޭ. ރިޔާސަތުން ބުނަން ޖެހޭނެ އެ މެމްބަރަކާ ދިމާލަށް ހުއްޓާލަށޭ ތިވާހަކަ ނުދައްކާށޭ. މިހާރު މަޖިލީހަށް ހުށަހެޅެނީ މީހެއްގެ މައިންބަފައިންނާ ބެހޭ ގޮތުން ނަމަ އެންމެ ރަނގަޅު އެ މީހެއްގެ މަންމައާ ބައްޕައާ ގުޅޭ ގޮތުން ވާހަކަދައްކަވަން. އެކަމަކު އެހެނެއް ނޫން ދެއްތޯ މިއަދު މަޖިލީހުގައި ކަންކަން ވެގެން މި ދަނީއެއް. މުޅިން ތަފާތު ބިލަކާ މެދު ބަހުސް ކުރައްވާއިރު ވެސް މި ދަނީ މީހުންގެ މަންމައާ ބައްޕައާ ބެހުން. އެކަންކަން ރިޔާސަތުން ނުވަތަ މަޖިލީހުގެ ރައީސް އެބަ ހުއްޓުވަންޖެހޭ،" ޒާހިރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެމްޑީޕީ މެމްބަރުން މަޖިލިސް ރައީސްގެ މޭޒުކޮޅު ކައިރީގައި އިހުތިޖާު ކުރަނީ: -----

މިހާރު އޮތް ފެހި ގާނޫނު އަސާސީ ޑްރާފްޓު ކުރި ކޮމެޓީގެ މެމްބަރުކަން ވެސް ކުރެއްވި ޒާހިރު ވިދާޅުވީ މަޖިލީހުގެ ރައީސަކަށް ހުންނަވާ ބޭފުޅަކީ ވަކި ޕާޓީއެއްގައި ތިއްބަވާ މެމްބަރުންތަކެއްގެ ރައީސެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސަކީ މަޖިލީހުގައި ތިއްބަވާ ހުރިހާ މެމްބަރުންގެ ވެސް ރައީސް ކަމަށެވެ. އަދި މަޖިލީހުގެ ރައީސަކަށް ހުންނަވާ ބޭފުޅަކީ ވަރަށް "ކޯޑިނޭޓިވް" ބޭފުޅަކަށް ވާންޖެހޭނެ ކަމަށް ޒާހިރު ވިދާޅުވި އެވެ.

އެހެންކަމުން މަޖިލީހުގައި ހިނގާ ހުރިހާ ކަމެއް ވެސް ފުރިހަމައަށް ކޮންޓްރޯލް ކުރުމުގެ ބާރު މަޖިލީހުގެ ރައީސަށް ލިބިވަޑައިގެންފައިވާނެ ކަމަށް ޒާހިރު ވިދާޅުވި އެވެ.

މަޖިލިސް ރައީސަކަށް ހުންނަވާ ބޭފުޅެއްގެ ޒިންމާ:

"މަޖިލީހުގެ ރައީސަކީ ވަރަށް ކޯޑިނޭޓިވްކޮށް އެންމެނާ ވެސް ގުޅިގެން އުޅުއްވަން ޖެހޭ ބޭފުޅެއް. އެންމެން ގޮވައިގެން ވެސް މަޖިލީހުގެ ރައީސަށް އުޅެން އެނގެން ޖެހޭނެ. މަޖިލީހުގައި ކަމެއް ދަމެއް ގޯސްވެއްޖެނަމަ އެ ކަމެއް ފުރަތަމަ ކުރެއްވި މެމްބަރަކު ގޮވައިގެން އެއީ ސައިކޮޓަރީގައިވީ ނަމަވެސް އެ މެމްބަރަކާއި ވަކިން ވާހަކަދައްކަވާލާ އެހެން ނުހައްދަވާށޭ ކިޔައިގެން ވެސް އެބަޖެހޭ ދެއްތޯ މަޖިލިީގެ މަސައްކަތްތަކާއިގެން އުޅެން. އެއީ މާދަމާ ރައްޔިތުން ސުވާލު ކުރުމުން ކޮން ޖަވާބެއްތޯ މެމްބަރުން ދެއްވާނީ،" ޒާހިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލިސް މެމްބަރުންގެ "ޓެމްޕަރޭޗާ" ތިރިކުރެއްވުމުގެ ބާރު ލިބިވަޑައިގެން ހުންނެވި މަޖިލީހުގެ ރައީސަށް ކަންކަން ކޮންޓްރޯލް ނުވާ ހިސާބަށްދާ ކަމަށްވާނަމަ ސާޖެންޓު އެޓް އާމްސް އެހީތެރި ކަމަށް އެދިގެން ވެސް މަޖިލީހުގެ ރައީސަށް މަޖިލިސް ކުރާ ގެ ކޮންޓްރޯލް ކުރެވެން ޖެހޭނެ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސްކަން ކުރެއްވި ސީނާ އަހުމަދު ޒާހިރު "ސަން" އަށް އިންޓަވިއު ދެއްވަނީ: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

"މަޖިލީހުގެ މެމްބަރުންނަށް މިއޮތީ ލިބިވަޑައިގަންނަވަން ނުޖެހޭ މިނިވަން ކަމެއް ލިބިވަޑައިގެންފައި. އޭގެ ނާޖާއިޒް ފައިދާ ނަންގަވަނީ. މިކަންތައް މިހެން ދިމާވާން މިޖެހުނީ އަޅުގަނޑުގެ ނަޒަރުގައި މަޖިލިސް ގަވާއިދަކީ އެންމެ ފުރަތަމަ މަޖިލިސް ފެށުމުގެ ކުރިން ފާސްކުރަން ޖެހޭ އެއްޗެއް. މަޖިލީހުގެ ގަވާއިދެއް ފާހެއް ނުކުރައްވާ. އެކަން އެހެން ވެފައި ނެތުމުން މެމްބަރުން ބޭނުން ކަމެއް ކުރައްވަނީ. ހަޅޭއް ފަޅޭއް ލަވަނީ. އެއަށް ދެވި ހިފާފަ މިހާރު އެހެރީ،" ޒާހިރު ވިދާޅުވި އެވެ.

ޒާހިރު ވިދާޅުވީ މެމްބަރުން މިހާރު ތިއްބެވީ ވަކި ގޮތަކަށް ހޭނިފައި ކަމަށެވެ. އަދި އެކަން އެހެން ވާން ޖެހުނީ މަޖިލީހުގެ ރައީސަކަށް އިންނަވާ ބޭފުޅާ މެމްބަރުން ކުރައްވާ ކަންތައްތަކަށް އަޅާ ނުލައްވާ ދޫކޮށްލެއްވުމުގެ ސަބަބުން ކަމަށް ޒާހިރު ވިދާޅުވި އެވެ. އަދި މެމްބަރުންނަށް ލިބިފައި ހުރި ދޫތައް އަތުން ބީވެގެން ދާކަށް އެއްވެސް މެމްބަރަކު ބޭނުންފުޅުނުވާ ކަމަށް ޒާހިރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނިކޮށް އިދިކޮޅު މެމްބަރުންތަކެއް މަޖިލީހުގެ ރިޔާސަތާއި އިދާރީ މޭޒު ކައިރީގައި: ސަން ފައިލް ފޮޓޯ

އިލްމީ ބޭފުޅުންގެ ބޭނުމެއް ނެތް:

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަން ވެސް ކުރައްވާފައިވާ ޒާހިރު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހާވެފައި އޮތްއިރު މަޖިލީހުގައި ތިއްބަވާ އިލްމީ ބޭފުޅުން އެއްޗެކޭ ވިދާޅުނުވެ މަޑުން ތިއްބަވާތީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އިލްމީ ބޭފުޅުން މަޖިލީހުގެ ތަޅުމުގައި ހިނގަމުންދާ ކަންތައްތަކާ ގުޅިގެން ވާހަކަފުޅުދައްކަވަން ބޭނުންފުޅު ނުވާ ސަބަބުތައް އެބަ ހުރި ކަމަށެވެ.

"އިލްމީ ބޭފުޅުން ބޭނުންފުޅެއް ނުވޭ އެއްޗެކޭ ވިދާޅުވާކަށް. އެބޭފުޅުން އެއްޗެކޭ ވިދާޅުވާއިރަށް ހަޅޭއް ފަޅޭއް ލަވައި ގަނެފައި ދެން ތިއްބަވާ މެމްބަރުން މިއީ ވަކި ކާކުހޭ ކިޔާފައި އިލްމީ ބޭފުޅުންގެ ވެސް އަބުރާ ބެހި އަބުރު ކަތިލާ މަންމައާ ބައްޕައާ ބެހިފައި ނޫނިއްޔާ މަރުވެފައި އޮތް ބައްޕަވެސް ކަށްވަޅުން ނަގާ ހިސާބަށް ކަންތައް ގެންދަނީ. ދެން މަޖިލީހުގައި ތިއްބަވާ އިލްމީ ބޭފުޅުންނަށް އެންމެ ރަނގަޅު ގޮތަކީ އަނގައިން ނުބުނެ ތިބުން،" ޒާހިރު ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރޭގައި ވޯޓަށް އެހި ވަގުތު މަޖިލީހުގެ ރިޔާސަތު ކައިރީގައި އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން ރިޔާސަތު ކައިރީގައި: ފައިލް ފޮޓޯ

އޭނާ ވިދާޅުވީ މަޖިލީހުގައި ތިއްބަވާ އިލްމީ މެމްބަރުން ވާހަކަފުޅު ނުދައްކަވާ މަޑުން ތިއްބެވުމުގެ އެއްވެސް ބޭނުމެއް ހަގީގަތުގައި ނެތް ކަމަށެވެ. ޒާހިރު ވިދާޅުވީ އެފަދަ ބޭފުޅުންނަށް ވުރެ މަގުމަތިންދާ މީހަކު ގެނެސް އެ ގޮނޑީގައި ބޭންދުން ވެސް މާ ބުއްދިވެރި ކަމަށެވެ.

"އިލްމީ ބޭފުޅާ ވާހަކަދައްކަވަނީއެއް ނޫން. ކުޑަވެގެން ނިޒާމީ ނުކުތާއެއް ނަގަން ވެސް އަތް އުފުލާލަނީއެއް ނޫން. އެންމެ ކުޑަމިނުން ބައިސްކަލުގައި ކުނި އުފުލާ މީހުންނަށް ވެސް އަތް ހިއްލައިލަން އެނގޭނެ. ކުނި އުކާ މީހަކު މެމްބަރުންގެ ގޮނޑީގައި ބައިންދާފައި އެ މީހަކަށް އެނގޭ ގޮތަށް ކަލޭ އޯކޭއިއްޔާ ފެހި ފިތަށް އޯކޭ ނޫނިއްޔާ ރަތް ފިތަށް އޮބާށޭ ބުނީމަ އެކަން ކުރާނެ،" ޒާހިރު ވިދާޅުވި އެވެ.

މަޖިލީހުގައި ހުރި މައްސަލަތަކީ މަޖިލީހުގެ އުފެއްދި މައްސަލަތައް:

ޒާހިރުގެ ވާހަކަފުގައި ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ބޭނުންފުޅު ވާހަކައެއް ދެއްކުމުގެ އިހްތިޔާރު ލިބިގެން ދިއުމަކީ މީގެ ކުރީގެ ރައްޔިތުންގެ މަޖިލީހާ މިހާރުގެ މަޖިލީހާ ހުރި ވަރަށް ބޮޑު ތަފާތެއް ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ މެމްބަރަކު ބޭނުންފުޅު ވާހަކައެއް ދެއްކުމުގެ އިހްތިޔާރު ލިބިވަޑައިގަތަސް މަޖިލިސް މެމްބަރުންގެ އަހުލާގު ނެތިގޮސްފައިވާ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ/ މަޖިލިސް

"ދެން އަޅުގަނޑު މި ބުނަނީ އެކަންކަން ކުރެވޭނީ މަޖިލީހުގެ ރައީސަށޭ. ބުނީމަ މިހާރުގެ ބައެއް މެމްބަރުން އެބަ ވިދާޅުވޭ ކިހިނެއްހޭ މެމްބަރުންގެ ހުރިހާ ކަމެއް މަޖިލީހުގެ ރައީސް ކޮންޓްރޯލް ކުރައްވާނީ. މަޖިލިސް ރައީސް ކޮންޓްރޯލް ކުރާ ކަމަށްވަނީ ނަމަ އިދިކޮޅު ޕާޓީގެ މެމްބަރުން މަޖިިލިސް ތަޅުމުގައި ނުތިއްބަވާނޭ ވެސް ބައެއް މެމްބަރުން އެބަ ވިދާޅުވޭ. ނަމަވެސް މި ހިސާބުން އެބަ ސުވާލު އުފެދޭ ދެއްތޯ. ސުވާލަކީ އިދިކޮޅު މެމްބަރުން އެކަނިތޯއޭ އަހުލާގެއް ނެތި މަޖިލީހުގައި އުޅޭތަން މި ފެންނަނީ. ނޫން ދެއްތޯ. އިދިކޮޅު ފަރާތްތައް އެކަންޏެއް ނޫން އެހެން އުޅުއްވަނީ،" ޖަސްޓިސް މިނިސްޓަރު ކަންވެސް ކުރައްވާފައިވާ ޒާހިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތައް ނުލައި މަޖިލިސް ކުރިއަށް ގެންދާނަމަ ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ބޭނުންވާ ގޮތަކަށް މަޖިލީހުގައި ބިލުތައް ފާސްކޮށް ނިންމާލައްވާނެ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި އިދިކޮޅު މެމްބަރުންގެ އެއްވެސް ހިއްސާއެއް މަޖިލީހުން ފާސްކުރާ ބިލުތަކުގައި ނޯންނާނެ ކަމަށް ޒާހިރު ވިދާޅުވި އެވެ.

ޒާހިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ހައިބަތު ބޮޑު ތަނެއް ކަމަށެވެ. ނަމަވެސް މަޖިލިސް ރައީސްގެ އަތުގައި މުޅި މަޖިލީހުގެ ކޮންޓްރޯލް އޮވެމެ އެކަން ނުކުރެއްވުމުގެ ނަތީޖާ މިއަދު މަޖިލީހުގެ ތެރެއިން ފެންނަމުންދާ ކަމަށެވެ. އަދި ވިދާޅުވީ އިދިކޮޅު ފަރާތްތަކާއި އެކު ގުޅިގެން މަސައްކަތް ނުކުރެއްވުމުގެ ނަތީޖާވެސް މިއަދު މަޖިލިސް ތެރެއިން ފެންނަމުންދާ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސްކަން ކުރެއްވި ސީނާ އަހުމަދު ޒާހިރު "ސަން" އަށް އިންޓަވިއު ދެއްވަނީ: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން