01 Mar 2016, 01:08
ހުޅުމާލޭގައި މިދިޔަ ހޮނިހިރު ދުވަހު ހަވީރު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިރޭ މަރުވެއްޖެއެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިރޭ ސަން އަށް ވިދާޅުވީ، އެ އެކްސިޑެންޓުގައި އަނިޔާވި މުހައްމަދު އަފްރާން ޝަކޫރު،22، އަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވިކަން މިރޭ 22:30 ގައި އާއިލާގެ ފަރާތުން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވިއިރު އޭގެ ތެރެއިން އެކަކަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު އެދުވަހު ވަނީ ދޫކޮށްލާފައެވެ.
އެއެކްސިޑެންޓަކީ އެދުވަހު ހަވީރު ހުޅުމާލޭ ނިރޮޅުމަގުން ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެކެވެ.
ހުޅުމާލޭ ހޮސްޕިޓަލްގެ ޑިރެކްޓަރު އަހުމަދު ޝާކިރު އެދުވަހު ސަން އަށް ވިދާޅުވީ، އަފްރާން ވެއްޓިފައިވަނީ ފިޓް ޖެހިގެން ކަމަށެވެ.