25 Apr 2011, 12:19
ބޮޑެތި މާރާމާރީތަކުގެ ސަބަބުން ބިރުވެރިކަން އުފެދިފައިވާ މީހުންނަށް އެހީތެރި ވުމާއި ބިރުވެރިކަން އުފެދިފައިވާ ކުދިން ރިހެބިލިޓޭޓް ކުރަން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.
ވައްކަންތަކާއި މާރާމާރީ، އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން ކުރާ ކުއްތައް ހުއްޓުވަން ސަރުކާރުން ކުރާ މަސައްކަތްތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަފީފު ވިދާޅުވީ މާރާމާރީތަކުގައި 2008 ވަނަ އަހަރުން ފެށިގެން 22 މީހުން މަރުވެފައިވާ ކަމަށެވެ. އަދި މި ދުވަސްވަރު މާލޭގައި މާރާމާރީ، ވައްކަމާއި ފޭރުން ފަދަ ނުރައްކާތެރި ކުށްކުރުން އިތުރުވެފައި ވާތީ ކެޕިޓަލް ޕޮލިހާއި ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑާއި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓް ގުޅިގެން ހާއްސަ އޮޕަރޭޝަންތައް ފަށާފައިވާ ކަމަށެވެ.
މެންބަރުންގެ ސުވާތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަފީފު ވަނީ މިއަދު ގިނަ ކަންތައްތަކެއް ފާހަގަ ކުރައްވާފަ އެވެ. އެގޮތުން 2011 އިން 2013 އަށް އެކުލަވާލާފައިވާ ފުލުހުންގެ ސްޓްރެޓެޖީކް ޕެލޭންގައި ކުށް މަދު ކުރަން ހާއްސަ ސަމާލުކަމެއް ދީފައިވާނެ ކަމަށާއި ހާލަތަށް ރިއާޔަތްކޮށް ފުލުހުންގެ މަސައްކަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްފައިވާނެ ކަމަށް ވިދާޅުވި އިރު އިތުރު ވަސީލަތާއި އާލާތާއި މީހުން ފޯރުކޮށްދީފައި ވާނެ ކަމަށް ވެސް އިޝާރާތް ކުރެއްވެވި އެވެ.
"ކުށްކުރާ މީހުން ހިފާ ހައްޔަރުކޮށް، ކުށް ކުރުމަށް ފުރުސަތު ނުދިނުމަށް ޕެޓްރޯލް ކުރުން ވަރުގަދަކޮށް، ކުށް މަދު ކުރުމަށް އަޅަންޖެހޭ އެހެނިހެން ފިޔަވަޅުތައް ވެސް މިދަނީ އަޅަމުން،" އަފީފު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ގްރޫޕު ހަދައިގެން ޖިނާއި ކުށްތަކަށް އަރައިގަންނަ ފަރާތްތައް ހޯދައި މުޖުތަމައުން އެކަހެރި ކުރަން ކޯޓަށް ހާޒިރުމާއި ޕީޖީ އޮފީހަށް ފޮނުވައި މައްސަލަތައް އަވަސް ކުރުން ވެސް ކުރިޔަށް ގެންދާ ކަމަށާއި ގޭ ބަންދުކުރާ މީހުން ބަންދުގައި ތިބޭތޯ 24 ގަޑިއިރު އެއްފަހަރު ޗެކް ކުރާއިރު އާއްމު މަސްލަހަތާ އަމަނަށް ގެއްލުންދޭ މީހުން ހައްޔަރުކުރަމުން އަންނަ ކަމަށެވެ.
"ހުކުމް ތަންފީޒު ނުކުރެވި މާލެ ތެރޭގައި އުޅޭމީހުން ހައްޔަރުކޮށް ހުކުމް ތަންފީޒު ކުރުމަށް ރުޖޫއަ ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދޭ. ޖަލުގައި ޖާގަ ނެތުމުން ޖަލު މަރާމާތު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން،" އަފީފު ވިފާޅުވި އެވެ. އޭނާ ވިދާޅުވީ ފުލުހުންގެ މަސައްކަތުން މިހާރު މާލެ ތެރޭގައި ކުށް ކުރުން ކޮންމެސް ވަރަކަށް މަދުވެފައިވާ ކަމަށެވެ.