އަމުރަށް ނުކިޔަމަންތެރިވި މައްސަލައެއްގައި ކަމަށް ބުނެ ޖަސްޓިސް ބިލްޑިންގް ކައިރިން، ފުލުހުން މިއަދު އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ހަޔަރުކުރުމުން އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.

އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއާޕޯޓްގައި މުޒާހަރާކުރި ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ މެމްބަރުންތަކެއްގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުމެއް މިއަދު މެންދުރު 13:00ގައި ކްރިމިނަލް ކޯޓުގައި އޮތުމުން އެސަރަހައްދުގައި ޝިފާޒް މަޑުކޮށްލައްވައިގެން ހުންނަވަނިކޮށް ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ.

ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާކުރުމަށް އެދޭކަމަށް ވިދާޅުވެ ސަރުކާރުން ދަޢުވަތު އަރުވާފައިވާ މިވަގުތުގައި އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީގެ ނައިބު ރައީސް ހައްޔަރުކުރުމުން އެފަދަ މަޝްވަރާތައް ބޭއްވުމާ މެދު ސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތްކަން ހާމަވާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ، ޝިފާޒް ހައްޔަރުކުރި މައްސަލަ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އިޙްމާލުވުމެއް ނެތި ވަގުތުން ބަލައި ފިޔަވަޅުއަޅައި އަދި މިހާރުން މިހާރަށް އޭނާ ދޫކޮށްލުމަށް ގޮވައިލާ ކަމަށެވެ.

ނަމަވެސް ފުލުހުން ބުނީ ޝިފާޒު ހައްޔަރު ކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެން ކަމަށެވެ. އަމުރަށް ނުކިޔަމަން ވުމަށް ޝިފާޒު ކުރީ ކޮން ކަމެއް ފުލުހުން ނުބުނެ އެވެ.